މަސްކިރުވުމަށް ކިއުގައި އޮތް ހުރިހާ ދޯންޏަކުން އެއްކޮށް މަސްކިރާ ނިންމާ މަސްކިރުން މިފްކޯއިން އަނެއްކާވެސް ލިމިޓްކޮށްފިއެވެ.
ދެކުނުގައި މި ދުވަސްވަރަކީ މަސްވެރިކަން ވަރަށް ރަނގަޅު ދުވަސްވަރަކެވެ. އެހެންކަމުން ގިނަ އަދަދެއްގެ މަހާއި އެކު ދޯނިތައް މަސްކިރުވަން ކޫއްޑޫ ޖެޓީގައި ކިޔު ހަދާލިއެވެ. އެހެންނަމަވެސް ގިނަ އަދަދެއްގެ މަސް ލިބެމުން ދިޔުމާއި މަސްކިރުވާ ޕްރީޒްކުރަން ވަގުތު ބޭނުންވާތީ މަސްކިރުން މިފްކޯއިން ލިމިޓްކުރިއެވެ.
މަސްކިރުވުން ލިމިޓްކުރުމުން މަސްވެރިންނަށް ބައެއް ދަތިތައް ދިމާވުމާއި އައިސް އަޅާފައި ހުރި މަސް ހަލާކުވާނެތީ އަވަސްކުރުމުގެ ގޮތުން މިފްކޯއިން ވާނީ އޭރު ކަނޑައެޅި ލިމިޓް ދޫކޮށްލާ ހުރިހާ ދޯންޏަކުން މަސްކިރަން ނިންމާފައެވެ. މިމަހުގެ 6 ވަނަދުވަހުން ފެށިގެން ކިއުގައި އޮތް ހުރިހާ ދޯނިތަކެއް މަސް މިއަދު ގެ ނިޔަލަށް މިފްކޯއިން ވަނީ ކިރާ ނިންމާފައެވެ.
ކިއުގައި އޮތް ދޯނިތަކުގެ މަސްކިރުވާ ނިންމުމަށްފަހު މިފްކޯއިން އަނެއްކާވެސް މިވަނީ ކޮންމެ ދޯންޏަކުން މަސްކިރާނެ އަދެދެއް ކަނޑައަޅާފައެވެ. މިފްކޯއިން ބުނީ މާދަމާއިން ފެށިގެން ދޯންޏަކުން ކިރާނީ 7 ޓަނު މަސްކަމަށެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަސްކިރުވުން މިވަގުތަށް ކޮންޓްރޯލްކުރަން ޖެހުނީ މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައި ވުމުން ހުރިހާ ދޯންޏަކުން ބާނާ މަހުގެ އަދަދު އެއްވަރަށް ހިފެހެއްޓިފައިވާކަމަށެވެ. އެހެންކަމުން މަސްޕްރީޒްކުރުމަށް ވަގުތު ބޭނުންވާތީ ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަށް މިވަގުތަށް މަސްކިރުވާ މިންވަރު ވަކިވަރެއްގައި ހިފައްޓަންޖެހޭކަމަށެވެ.
މިހާރުވެސް ކެޕޭސިޓީއަށް ވުރެ އިތުރަށް މަސްކިރުވާކަމަށާއި އެހެންނަމަވެސް ކެޕޭސިޓީއާއި އެއްވަރަށް މެނޭޖްކޮށްގެން ކުރިޔަށް ގެންދިޔުމަށް މިވަގުތު ދޯންޏަކުން ކިރާނީ 7 ޓަނު މަސްކަމަށްވެސް މިފްކޯއިން ބުނެއެވެ.
މިފްކޯއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.
މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި 100 ޓަނުގެ ކަނޑުމަސް 8 ގަޑިއިރުގެ ޝިފްޓުގައި ގަނޑުކުރެވޭ އައު ރިފްރިޖަރޭޝަން ކޮމްޕްލެކްސްއެއް ގާއިމް ކުރުމާއި، ލޮނުފެން ގަނޑުކޮށް 80 ޓަނުގެ ކަނޑުމަސް ބެހެއްޓޭނެ ހޯލްޑިން ޓޭންކް ގާއިމް ކުރުމާއި، 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި އައު ޕަވާހައުސް އެއް ގާއިމް ކުރުން ހިމެނެއެވެ.
ކޫއްޑޫގައި މިހާރު ޤާއިމްކުރެވިފައިވަނީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. ކޫއްޑޫ ތަރައްޤީކުރުމުގެ މަޝްރޫޢާއެކު 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރެވިގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.
މީގެއިތުރުން ގދ. ތިނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި މ. މުލަކުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް އަދި ތިނަދޫ އާއި މުލަކުގައި އައު ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް ނިމުމުން، މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް %61 އިތުރުކުރެވޭކަމަށް ސަރުކާރުން ލަފާކުރައްވައެވެ.