ކުޅިވަރު

ގްރީން އާއި ޔޫވީގެ ކުރިމަތިލުން އެއްވަރު


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޔޫވީއަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ޔޫވީގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް ފޮނުވާލި ހަމަލާދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ޔޫވީގެ އަލީ ހައިޝަމް (ޗުމްޕު) ފޮނުވާލި ހަމަލާ ގްރީންގެ ކީޕަރު ހަނީފް ސާގިބް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ހަތަރު މިނެޓު ފަހުން އޭރިއާ ތެރެއިން ޗުމްޕު ފޮނުވާލި ހަމަލާވެސް ދިފާއުކުރީ ގްރީންގެ ކީޕަރު ސާގިބެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީނުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހޯސޭ އަވީލާއެވެ.

ދެވަނަ ހާފު ފަށައިގެން ފުލުފުލުގައި ޔޫވީން ވަނީ ގްރީންގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 47 ވަނަ މިނެޓުގައި ޗުމްޕު ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި ޔޫވީގެ ޖަޕާން މިޑްފިލްޑަރު އެއިސޫކޭ މޯރީ ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ގްރީންގެ ކީޕަރު ސާގިބެވެ. އަދިި އޭގެ ތިން މިނެޓު ފަހުން އޭރިއާ ބޭރުން އަަނަޓޯލީ ވްލަޝީޗޭފް (ޓޯނީ) ފޮނުވާލި ހަމަލާވެސް ކީޕަރު ސާގިބް ވަނީ މަތަކޮށްފައެވެ.

މެޗުގެ 85 ވަނަ މިނެޓުގައި ޔޫވީން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓޯނީއެވެ.

މި މެޗުން މޮޅުވެގެން ފައިދާ ލަނޑުގެ ތަފާތުން ޔޫވީއަށް ލީގު ތާވަލުގެ ތިންވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު މި މެޗުން ލިބުނު ޕޮއިންޓާއެކު ޔޫވީން މިވަގުތު އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. އެއީ ކުޅުނު ނުވަ މެޗުން ލިބުނު 11 ޕޮއިންޓާއެކުގައެވެ. ޔޫވީ އާއި ފަސްވަނައިގައި އޮތް ސަސްއާ ހުރިހާ ގޮތަކުންވެސް ވަނީ އެއްވަރުވެފައެވެ. ލީގު ތާވަލުގެ ހަތްވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ނުވަ މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ވެސް މެޗެއް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ކްލްބް އީގަލްސް އާއި ޓީސީއެވެ.