ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ އޯޕަން ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ހޯދައިފިއެވެ.
ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗު އެމްއޭސީއެލް އިން ކާމިޔާބުކުރީ ހަ ވިކެޓުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން އެމްއޭސީއެލް އިން އިން ނިންމީ ފީލްޑު ކުރުމަށެވެ.
އެވިއާ އިން ކުޅެންއަރައި އަށް އޯވަރުގެ ހަމަވިއިރު ހެދުނީ 117 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ބޯޅައިން 51 ލަނޑު ހެދި ޖިލްވާޒް ރަޝީދު އާއި 16 ބޯޅައިން 27 ލަނޑުހެދި ހެދި އައިހަމް ޒިޔާދުއެވެ.
ޖަވާބުގައި އެމްއޭސީއެލް ކުޅެންއަރައި ހަ އޯވަރުގެ ތެރޭގައި 119 ލަނޑުހަދައި ވަނީ މެޗުން މޮޅުވެފައެވެ. އެމްއޭސީއެލް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ހަތް ބޯޅައިން 34 ލަނޑުހެދި އާދަމް ނާސިފު އާއި އަށް ބޯޅައިން 33 ލަނޑުހެދި މުއާވިއަތު އަބްދުލް ޣަނީއެވެ.
މި މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދީ އެވިއާގެ ޖިލްވާޒްއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ވިކެޓު ނެގީ އެމްއޭސީއެލްގެ އަޙްމަދު އަމީލްއެވެ.
ރަމަޟާން ކްރިކެޓް ކާނިވަލްގެ ކޮމްޕެނީ ޓޭޕް ބޯލް މުބާރާތް ހުކުރު ފެށިއިރު، ތިން މެޗު ކުޅުނެވެ.
ހުކުރު ދުވަހު ހެނދުނު ކުޅުނު ފުރަތަމަ މެޗުގައި އިކުއިވަލަންޓްސްއާ ބައްދަލުކޮށް ފްރެންޑްސް އޮފް މޯލްޑިވްސް ކާމިޔާބުކުރީ 6 ވިކެޓުންނެވެ. އިކުއިވެލަންޓުން އަށް އޯވަރުތެރޭ 87 ލަނޑު ހެދިއިރު، އެ ޓީމުގެ ރަކީބް 17 ލަނޑު ހެދިއެވެ. ޖަވާބުގައި ފްރެންޑްސް އޮފް މޯލްޑިވްސް އިން ކުޅެން އަރައި ހަ އޯވަރުތެރޭ 90 ލަނޑުހަދާ މެޗުން ކާމިޔާބުކުރިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ސާނަކަ ވަނީ 34 ލަނޑު ހަދައިފައެވެ.
ދެ ވަނަ މެޗް އެމްޓީސީސީ ބީ ޓީމާ ބައްދަލުކޮށް އެލިއާ މޯލްޑިވްސް ކާމިޔާބުކުރީ ހަ ވިކެޓުންނެވެ. އެމްޓީސީސީ ބީ ޓީމުން އަށް އޯވަރުތެރޭ 95 ލަނޑު ހެދިއިރު، އެ ޓީމުގެ މޫރްތީ ސެވާން ވަނީ 22 ލަނޑު ހަަދައިފައެވެ. ޖަވާބުގައި އެލިއާ މޯލްޑިވްސް ކުޅެންއަރައި ހަ އޯވަރުތެރޭ 100 ލަނޑު ހަދައި، މެޗުން މޮޅުވިއެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 10 ބޯޅައިން 33 ލަނޑުހެދި މުހައްމަދު ރިލްވާންއެވެ.
ހުކުރު ދުވަހު ހެނދުނު ކުޅުނު ތިން ވަނަ މެޗުގައި އަހިންސަކާސްއާ ވާދަކޮށް ފަތަހަ ސްޓާސް މޮޅުވީ ހަތް ވިކެޓުންނެވެ. އަހިންސަކާސް އިން އަށް އޯވަރުތެރޭ 133 ލަނޑު ހެދިއިރު، އެ ޓީމުގެ ތާރަކަ ވަނީ 30 ލަނޑު ހަދައިފައެވެ. އަދި އެ ޓީމުގެ މަދުވާލް ވަނީ 29 ލަނޑު ހަދައިފައެވެ. ފަތަހަ ޓީމުގެ ބާބުލް ވަނީ ދެ ވިކެޓް ނަގައިފައެވެ. ޖަވާބުގައި ފަތަހަ ސްޓާސް އިން ކުޅެންއަރައި 136 ލަނޑު ހަދައި، މެޗުން މޮޅުވިއެވެ. އެ ޓީމުގެ ރޯމަން މިއާ ވަނީ 14 ބޯޅައިން 35 ލަނޑު ހަދައިފަ އެވެ. އަދި މެހެދީ ހަސަން ވަނީ 14 ބޯޅައިން 34 ލަނޑު އެއްކޮށްފަ އެެވެ.
ރަމަޟާން ކްރިކެޓް ކާނިވަލްގެ ސަރުކާރު އޮފީސްތަކުގެ މެދުގައި ކުޅެވޭ އޮފީސް ޓޭޕް ބޯލް މުބާރާތް ދެ މެޗު ހޮނިހިރު ދުވަހު ކުޅޭނެއެވެ.. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މީރާ އާއި އެމްއެމްއޭ އެވެ. ދެ ވަނަ މެޗްގައި ޕޮލިސް ކްލަބާއި ރައީސް އޮފީހުގެ ޓީމު ވާދަކުރާނެއެވެ.