ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ސަރަހައްދުގެ ކޮލިފައިން ޕްލޭ އޮފްގައި ސްކޮޓްލެންޑާއި ޔޫކްރެއިން ކުޅެން ހަމަޖެހިފައި އޮތް މެޗު ޖޫން މަހުގެ އެއްވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
މީގެ ކުރިން މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް ޕްލޭ އޮފް ސެމީފައިނަލްގެ މި މެޗް ފަސްކޮށްފައިވަނީ ރަޝިޔާއިން ޔޫކްރެއިން އަރާފައިވާތީ، ޔޫކްރެއިން އެ މެޗު ފަސްކޮށްދިނުމަށް އެދުމާ ގުޅިގެންނެވެ.
ސްކޮޓްލެންޑާއި ޔޫކްރެއިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ޕްލޭ އޮފްގެ ފައިނަލުގައި ބައްދަލުކުރާނީ ވޭލްސްއާއެވެ. ޕްލޭ އޮފް ފައިނަލުން ވޭލްސް ޖާގަހޯދީ އޮސްޓްރިއާއާ ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ. ސްކޮޓްލެންޑާއި ޔޫކްރެއިންގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސްކޮޓްލުންޑުގެ ހެމްޕްޑެން ޕާކުގައެވެ. އަދި މި ތިން ޓީމުގެ ތެރެއިން ކުރި ހޯދާ ޓީމެއް މި ފަހަރުގެ ވޯލްޑް ކަޕުގައި ހިމެނިގެންދާނީ އިންގްލެންޑާއި، އީރާން އަދި އެމެރިކާ އާއެކު އެއް ގްރޫޕެއްގައެވެ.
ސްކޮޓްލެންޑާއި ޔޫކްރެއިންގެ މެޗު ޖޫން އެކެއްގައި ކުޅޭ ގޮތަށް ހަމަޖެހިފައިވުމާއެކު، އެ ދެ ޓީމުން ޔުއޭފާ ނޭޝަންސް ލީގުގައި ކުޅުމަށް ހަމަޖެހިފައިވި މެޗުތައް މިހާރުވަނީ އެހެން ތާރީޚަކަށް ބަދަލުކޮށްފައެވެ.