ކުޅިވަރު

ޕީއެސްވީ ބަލިކޮށް ލެސްޓާ ސެމީއަށް


ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުން ލެސްޓާ ސިޓީ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން ލެސްޓާ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ޕީއެސްވީ އެއިންދޯވެންއާ ބައްދަލުކޮށް 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ލެސްޓާގެ ދަނޑުގައި ލަނދެއް ކާމިޔާބުނުކުރެވި އެއްވަރުވިއިރު، ޕީއެސްވީގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލެސްޓާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ދެވަނަ ލެގުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެސްޓާއިންނެވެ. ނަމަވެސް މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕީއެސްވީންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެރާން ޒަހާވީއެވެ.

ލެސްޓާއަށް މި މެޗުގައި ނަތީޖާ ހަމަހަމަ ކުރެވޭވަރުވީ މެޗުގެ 77 ވަނަ މިނެޓުގައި ޖޭމްސް މެޑިސަން ޖަހައިދިން ލަނދުޑާއެކުއެވެ. އަދި މި މެޗުން ލެސްޓާ މޮޅުވި ލަނޑު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރިކާޑޯ ޕެރޭރާއެވެ. މި މެޗު ޕީއެސްވީން ވަރަށް ފޯރީގައި ފެށި ނަމަވެސް، މެޗުގައި އިތުރު ލަނޑެއް އެ ޓީމަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ލެސްޓާ ވަނީ އެ ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫރަޕުގެ މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަހޯދާފައެވެ. ސެމީ ފައިނަލުގައި ލެސްޓާ ބައްދަލުކުރާނީ ބޯޑޯގްލިމްޓް ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދި އޭއެސް ރޯމާއާއެވެ.