ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ލިޔޯން ހައިރާން ކޮށްލުމަށްފަހު ސެމީފައިނަލުން ވެސްޓެ ހޭމް ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.
ކުއާޓާ ފައިނަލުގައި ވެސްޓް ހޭމް ކުރިހޯދީ 4-1 ގެ އެގްރިގޭޓް ނަތީޖައަކުންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ވެސްޓް ހޭމްގެ ދަނޑުގައި 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ލިޔޯންގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް ވެސްޓް ހޭމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު ދެވަނަ ލެގުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިޔޯންއިންނެވެ. މި މެޗުގައި ވެސްޓް ހޭމުގެ ފުރަތަމަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ޖަހައިދިނީ ކްރެއިގް ޑޯސަންއެވެ. އަދި ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ވެސްޓް ހޭމުގެ ލީޑު ފުޅާކޮށްދިނީ ކެޕްޓަން ޑެކްލަން ރައިސްއެވެ.
މި މެޗުގައި ވެސްޓް ހޭމުގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 48 ވަނަ މިނެޓްގައި ޖެރޮޑް ބޮވެންއެވެ. އޭގެ ފަހުން ލިޔޯނުން މި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް، ވެސްޓް ހޭމްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު ވެސްޓް ހޭމް މިވަނީ ވޭތިވެދިޔަ 46 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޔޫރަޕުގެ މުބާރާތެއްގެ ސެމީ ފައިނަލުން ޖާގާހޯދިފައެވެ. ސެމީ ފައިނަލުގައި ވެސްޓް ހޭމް ބައްދަލުކުރާނީ ބާސެލޯނާ ބަލިކޮށް ސެމީން ޖާގަހޯދި އެއިންޓްރެކްޓް ފްރެންކްފަޓާއެވެ.