ޚަބަރު

ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ބައި ބިލިޔަނުން މައްޗަށް


ދުނިޔޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 500 މިލިޔަނަށްވުރެ އިތުރުވެއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުތައް އިތުރުވެފައިވަނީ ބަލީގެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު އޭޝިޔާއާއި ވިލާތުގެ ޤައުމުތަކުގައި ފެތުރެން ފެށުމުންނެވެ. އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރެނީ ދެކުނު ކޮރެޔާގައެވެ. އެ ޤައުމުގައި ދުވާލެއްގެ މައްޗަށް 182،000 މީހުންނަށް ބަލިޖެހެއެވެ. އެ ގޮތުން ދުވާލެއްގެ މައްޗަށް ބަލިޖެހޭ ކޮންމެ ހަތަރު މީހަކުން އެކަކަށް ބަލިޖެހެނީ އެ ޤައުމުގައެވެ.

ދުނިޔޭގެ 20 ޤައުމެއްގައި ފާއިތުވި ދުވަސްތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދުތައްވަނީ އިތުރުވާން ފަށައިފައެވެ. އޭގެ ތެރޭގައި ބޫޓާނާއި ތައިލޭންޑާއި ތައިވާން ހިމެނެއެވެ. އޭގެ އިތުރުން ޗައިނާގެ ވިޔަފާރީގެ މައި މަރުކަޒުކަމަށްވާ ޝަންހާއީގައި ހަލުވިކަމާއެކު ބަލިފެތުރެން ފެށުމުންވަނީ ފުރަބަންދުގެ އުޞޫލުތައް އެ ރަށުގައި އިޢުލާންކޮށްފައެވެ.

ފާއިތުވި ދުވަސްތަކުގައި ވިލާތުގެ ޤައުމުތަކުގައިވެސް ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އިތުރުވާން ފަށައިފައެވެ. އެ ގޮތުން ވިލާތުގައި ކޮންމެ ދެ ދުވަހަކުން އެއް މިލިޔަން މީހުންނަށް ބަލިޖެހެއެވެ. ނަމަވެސް ޖަނަވަރީ މަހުގެ ފަހުން އެމެރިކާގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

2020ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގައި ކޯވިޑް-19 ފެތުރެން ފެށުނުފަހުން އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ ވިލާތުގައެވެ. އެ ގޮތުން ދުނިޔޭގައި ބަލިޖެހުނު މީހުންގެ ތެރެއިން %37 މީހުންނަށް ބަލިޖެހިފައިވަނީ ވިލާތުގައެވެ. އޭގެ އިތުރުން ބެލިޖެހުނު މީހުންގެ %21 މީހުންނަށް ބަލިޖެހިފައިވަނީ އޭޝިޔާއިންނެވެ. އަދި ބެލިޖެހުނު މީހުންގެ %17 މީހުންނަށް ބަލިޖެހިފައިވަނީ އުތުރު އެމެރިކާއިންނެވެ.

ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ބަލިމަޑުކަމުގައި 6.5 މިލިޔަން މީހުންވަނީ މަރުވެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާއާއި ރަޝިޔާއާއި ބުރެޒިލާއި އިންޑިޔާއިންނެވެ.