ކުޅިވަރު

ޕްލޭ އިން ފައިނަލުގެ ފަހު ދެ ޖާގަ ޕެލިކަންސް އާއި ހޯކްސްއަށް


އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގެ ޕްލޭ އޮފަށް ކޮލިފައިވުމަށް ކުޅޭ ޕްލޭ އިން މުބާރާތުގެ ފައިނަލްގެ ފަހު ދެޖާގަ ނިއުއޯލިއަންސް ޕެލިކަންސް އާއި އެޓްލާންޓާ ހޯކްސް ޖާގަހޯދައިފިއެވެ.

އީސްޓާން ކޮންފަރެންސްގެ ޕްލޭ އިންގެ ފަހު ޖާގަ ހޯކްސް ހޯދީ ޗާލޮޓް ހޯނެޓްސް އާއި ބައްދަލުކުރިމެޗް 132 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި ހޯކްސްގެ ޓްރެއި ޔަންގް ވަނީ 24 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 11 އެސިސްޓް ކޮށްފައެވެ. އަދި ހޯނެޓްސްގެ ލަމޭލޯ ބޯލް ވަނީ 26 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. މިކާމިޔާބީއާއެކު ހޯކްސް މިވަނީ އީސްޓަރން ކޮންފަރެންސްގެ ޕްލޭ އިންގެ ފައިނަލުން ޖާގަލިބިފައެވެ. އަދި އެމެޗްގައި ބައްދަލުކުރާނީ ކްލީވްލަންޑް ކެވެލިއަރސްއާއެވެ. އަދި އެމެޗުން މޮޅުވާ ޓީމެއް މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕްލޭ އޮފްގައި އީސްޓަރން ކޮންފަރެންސްގެ އަށްވަނަ ޓީމްގެ ގޮތުގައި ކޮލިފައިވާނެއެވެ.

ވެސްޓަރން ކޮންފަރެންސްެގެ ޕްލޭ އިންގެ ފަހު ޖާގަ ޕެލިކަންސް ހޯދީ ސެން އެންޓޯނިއޯ ސްޕަރސް އާއި ބައްދަލުކުރިމެޗް 113 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗްގައި ޕެލިކަންސްގެ ސީޖޭ މެކްކޮލަމްވަނީ 32 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. އަދި ސްޕަރސްގެ ޑިޖޫންޓޭ މަރީވަނީ 16 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. މިކާމިޔާބީއާއެކު ވެސްޓަރން ކޮންފަރެންސްގެ ޕްލޭ އިންގެ ފައިނަލުން ޕެލިކަންސް އަށް ޖާގަ ލިބިފައިވާއިރު އެމެޗްގައި ބައްދަލުކުރާނީ ލޮސް އެންޖަލި ކްލިޕަރސްއާއެވެ.