މުނިފޫހިފިލުވުން

ދެ އަހަރަށްފަހު "ސްޓްރޭންޖާ ތިންގްސް" 4 ގެ ޓްރެއިލާ


ދެ އަހަރު ދުވަހުގެ ދިގު އިންތިޒާރެއް ބެލުންތެރިން ކުރުވުމަށްފަހު ނެޓްފްލިކްސް ސީރީޒް "ސްޓްރޭންޖާ ތިންގްސް" 4 ގެ ޓްރެއިލާ ދައްކާލައިފިއެވެ. ކޯވިޑާއި ހެދި ނުދެއްކި އޮތް މި ސީޒަންގެ ޓްރެއިލާ ދައްކާލުމާއިއެކު 4 ވަނަ ސިރީޒަކަށް ކެތްމަދުވެފައި ތިބި ބެލުންތެރިން ތިބީ ވަރަށް އުފަލުންނެވެ.

ނެޓްފްލިކްސް ސުޕާ ހިޓް ސީރީޒް "ސްޓްރޭންޖާ ތިންގްސް" ގެ ހަތަރުވަނަ ސީޒަންގެ ޓްރެއިލާގައި ދައްކަނީ ހޯކިންސް ޓައުން އަށް ޑީމަންއެއްގެ ބިރުވެރިކަން ކުރިމަތިވެ އެކަމުން އަރައިގަތުމަށް އިލެވެންގެ އެހީއަށް އެދޭ ތަނެވެ.

ދެ ބަޔަކަށް ބަހާލައިގެން ނެރެން ހަމަޖެހިފައިވާ މި ސީޒަންގެ ފުރަތަމަ ބައި ދައްކާނީ އަންނަ މޭ މަހުގެ 27 ގައެވެ. ދެވަނަ ބައި ދައްކަން ހަމަޖައްސާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. މި ސީޒަންގައި ހިމެނޭނީ 9 އެޕިސޯޑެވެ.

2016 ވަނަ އަހަރު ދައްކަންފެށި "ސްޓްރޭންޖާ ތިންގްސް" އަކީ ވަރަށް މަޝްހޫރުވި ސީރީޒެކެވެ. މި ސީރީޒަށް މިހާތަނަށް 65 އެވޯޑެއް ވަނީ ލިބިފަ އެވެ. އަދި 170 އަށް ވުރެ ގިނަ އެވޯޑަށް ވަނީ ނޮމިނޭޓުވެސް ވެފައެވެ.

މި ސީރީޒްގެ ފަސްވަނަ ސީޒަނާ އެކު ސީރީޒް ނިންމާލާނެ ކަމަށް ނެޓްފްލިކްސް އާއި ސީރީޒް އުފައްދާ ދަ ޑަފާ ބްރަދާސް އިން މީގެކުރިން ވަނީ ބުނެފަ އެވެ.