މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗުން ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ދަ ގްރާންޑޭއިން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗު ދަ ގްރާންޑޭއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.
ލީގު ބުރުގެ އެއް ވަނައިގައި އޮތް ހުޅުމާލެ ވެޓެރަންސް ކްލަބާއި ދެ ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ހުޅުމާލެ ވެޓެރަންސް އަށް ފައިދާ ލަނޑުން ކުރި ލިބެނީ ދަ ގްރާންޑޭ އަށް ވުރެ އިތުރަށް ފައިދާ ލަނޑުގެ ގޮތުގައި ތިން ލަނޑު އޮތުމުންނެވެ. ތިން ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވާ މޯލްޑިވްސް ސޮކަ މޭޓްސް އެވެ.
މި މެޗުގެ 15 ވަނަ މިނިޓްގައި ހަސަން ޝަރީފްގެ ލަނޑުން ދަ ގްރާންޑޭ އިން ލީޑުނެގިއެވެ. އެ ޓީމުން ދެން ޖެހި ތިން ލަނޑު ކާމިޔާބުކުރީ މެޗުގެ ފަހު 12 މިނިޓް ތެރޭގައެވެ. މި ލަނޑުތައް ޖެހީ އިބްރާހިމް ޒައީމް، އަބްދުލް ހަފީޒް އަދި އަހުމަދު ޝަކީބްއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަ ގްރާންޑޭގެ އަހުމަދު ފަޒީމް އެވެ
ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ. މި މުބާރާތް ކުރިއަށްދަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.
މުބާރާތުގައި ބުރާސްފަތި ދުވަހު ހަވީރު 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް ސޮކަ މޭޓްސް އާއި ދިވެހި ސިފައިންގެ ކްލަބް އެވެ.