ކުޅިވަރު

މައްސަލައަކީ ގޯލް ނުޖެހުން، އެކަން ހައްލުކޮށްފިން - ބަނގްލަދޭޝް


ސެމީފައިނަލް މެޗަށް ނިކުންނައިރު ބަނގްލަދޭޝްއަށް ދިމާވެފައިވާ ގޯލް ނުޖެހުމުގެ މައްސަލަ ހައްލުވެގެންދާނެކަމަށް ޓީމްގެ ކޯޗް މަރުފުލް ހައްޤު ބުނެފިއެވެ. ސެމީފައިނަލް މެޗްގައި މާދަމާ ބަޙްރެއިންއާ ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗް ބުނީ ބަނގްލަދޭޝް ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލިބޭ ފުރުސަތުތައް ގޯލަކަށް ބަދަލުކޮށްނުލެވުންކަމަށެވެ. މިކަމާ ގުޅިގެން އެކަމަށް ހާއްސަކޮށް ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ކޯޗު ބުންޏެވެ. އަމިއްލަ ޤައުމުގައި މުބާރާތް ބޭއްވުމަކީ އިތުުރު ހިއްވަރެއްކަމަށާއި، ކުޅުންތެރިންތިބީ ބަޙްރެއިންގެ މައްޗަށް ކުރި ހޯދާ ފައިނަލުން ޖާގަ ހޯދުމަށްކަމަށް ކޯޗު ބުންޏެވެ. އަދި މުބާރާތުގައި މިހާތަނަށް ކުޅެފައިވާ ކުޅުމާ ދޭތެރޭގައިވެސް ވަރަށް ހިތްހަމަޖެހޭކަމަށާއި، މެޗަކަށްފަހު މެޗެއް ޓީމް ރަނގަޅުކޮށްފައިވާކަމަށް ކޯޗު ބުންޏެވެ. މާދަމާ ބަޙްރެއިންއާ ދެކޮޅަށް ބަނގްލަދޭޝް ޓީމްގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެންދާނެކަމަށްވެސް ބަނގްލަދޭޝް ޓީމްގެ ކޯޗް މަރުފުލް ހައްޤު ބުންޏެވެ." ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޯލް ނުޖެހުން. ލިބޭ ފުރުސަތުތައް ރަނގަޅަށް ބޭނުން ނުކުރެވުން. އަމިއްލަ ގައުމުގައި ކުޅޭތީ އިތުރު ހިތްވަރެއް ޓީމަށް ލިބޭނެ. ސެމީފައިނަލް މެޗަށް ޓީމް މެންޓަލީ އަދި ފިޒިކަލީވެސް ވަރަށް ފުރިހަމައަށް މިހާރުވަނީ ތައްޔާރުވެފަ. މާދަމާ ސަޕޯޓަރުންގެ އެހީއާއެކު ބަޙްރެއިންގެ މައްޗަށް ކުރި ހޯދިދާނެ. " ކޯޗު ބުންޏެވެ.ބަޙްރެއިންގެ ކޯޗް މުރްޖާން އީދް ބުނީ ބަނލަދޭޝްގައި ބަނގްލަދޭޝްއާ ދެކޮޅަށް ނިކުތުމަށް ބަޙްރެެއިންގެ ކުޅުންތެރިން އެއްވެސް ވަރަކަށް ޖެހިލުންނުވާނެކަމަށާއި، އެއީ ޓީމަށް ލިބޭ އިތުރު ހިތްވަރެއްކަމަށެވެ. ބަޙްރެއިންގެ ތޭވީސް އަހަރުން ދަށުގެ ޓީމް ބައިނަލްއަޤްވާމީ މުބާތާރެއްގައި އަލަށް ސެމީއަށް ދަތުރުކުރުމުން މިހާރުވެސް ބަޙްރެއިން ޓީމަށް ކާމިޔާބީއެއް ލިބިއްޖެކަމަށާއި، މިހާރު ބޭނުންވަނީ މިއަށް ވުރެ މައްޗަށް ދާންކަމަށް ކޯޗް ބުންޏެވެ. މާދަމާ ބަޙްރެއިން ޓީމް ނިކުންނާނީ ބަނގްލަދޭޝް ބަލިކޮށް ފައިނަލަށް ދިއުމަށްކަމަށް ބަޙްރެއިންގެ ކޯޗް މުރްޖާން އީދް ބުންޏެވެ."އަސްލު އަހަރެން ބަނގްލަދޭޝްގެ ސީނިއަރ ޓީމްގެ މެޗެއް ނުބަލަން. ނަމަވެސް މެޗް ފަސޭހައެއް ނުވާނެ. ބަނގްލަދޭޝްގެ ސީނިއަރ ޓީމް ކަމަށްވާތީ އެމީހުން އަހަރެމެންނަށް ވުރެ މޮޅުވާނެ. ހުނަރުގެ ގޮތުންނާއި ފިޒިކަލްގެ ގޮތުންވެސް. ނަމަވެސް އަހަރެން އަހަރެންގެ ކުޅުންތެރިންނަށް ވަރަށް އިތުބާރުކުރަން. އަދި މާދަމާ ކުޅުންތެރިން އެކުޅުންތެރިންގެ ސަތޭކަ ޕަސެންޓް ދޭނެ. މާދާމާގެ މެޗު ދާނީ ވަރަށް ބްލެންސްކޮށް. އަދި ނޭންގެ ބުނާކަށް އިތުރު ވަގުތަށްވެސް ހިނގައިދާނެ. ކޮންމެ ގޮތަކަށްވެސް ޖެހޭނީ ތައްޔާރުވެގެން ތިބެން. " ކޯޗު ބުންޏެވެ. މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 4:30 ގައެވެ. މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.