ޕޯލޭންޑާއި ލިތުއޭނިޔާއާއި ލެތުވިޔާއާއި އެސްތޯނިޔާގެ ރައީސުން ޔޫކްރެއިނުގެ ވެރިރަށް ކިޔޭވަށް ވަޑައިގެންފިއެވެ.
ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި އެ ބޭފުޅުންވަނީ ކިޔޭވުގައި ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފައެވެ. އަދި އިޤްތިޞާދީގޮތުންނާއި އަސްކަރީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އެ ބޭފުޅުންވަނީ ޒެލެންސްކީއާ މަޝްވަރާކުރައްވައިފައެވެ. އެ ބޭފުޅުން ކިޔޭވަށް ވަޑައިގެންފައިވަނީ އެ ރަށަށް ރަޝިޔާގެ ފައުޖުތަކުން ދެމުންދާ ޙަމަލާތައް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެ ބޭފުޅުންގެ ދަތުރުފުޅާބެހޭ ހުރިހާ މަޢުލޫމާތުތަކެއްވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ސިއްރުކޮށްފައެވެ.
ޕޯލޭންޑާއި ލިތުއޭނިޔާއާއި ލެތުވިޔާއާއި އެސްތޯނިޔާގެ ރައީސުންނާއެކު ޖަރުމަންވިލާތުގެ ރައީސް ފުރޭންކް-ވޯލްޓަރ ސުޓައިމާވެސް ޔޫކްރެއިނަށް ވަޑައިގެންނެވުމަށް ކުރިންވަނީ ހަމަޖެހިފައެވެ. ނަމަވެސް ސުޓައިމާ ޔޫކްރެއިނަށް ވަޑައިގަތުމަށް ޒެލެންސްކީވަނީ ދެކޮޅުހައްދަވައިފައެވެ. ފާއިތުވި ދުވަސްތަކުގައި ސުޓައިމާވަނީ ރަޝިޔާއިން ތެލާއި ގޭސް ގަތުމުގައި މައްސަލައެއް ނެތްކަމަށް ވިދާޅުވެ ވާހަކަދައްކަވައިފައެވެ. ބެލެވޭ ގޮތުގައި އޭނާ ކިޔޭވަށް ވަޑައިގެންނެވުމަށް ޒެލެންސްކީ ދެކޮޅުހެއްދެވި ސަބަބަކީ އެއީއެވެ.
މީގެ ކުރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ ޔޫކްރެއިނަށް ވަޑައިގަންނަވައި ޒެލެންސްކީއާ ބައްދަލުކުރައްވައިފިއެވެ. އަދި އޭގެ ކުރިން ޕޯލޭންޑާއި ޗެކް ރިޕަބްލިކާއި ސުލޮވޭނިޔާގެ ބޮޑުވަޒީރުންވެސްވަނީ ކިޔޭވަށް ވަޑައިގެން ޒެލެންސްކީއާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފައެވެ.