ކުޅިވަރު

މާޒިޔާގެ ޓްރަޔަލް 20 ގައި، ޕްރެކްޓިސް 25 ގައި


އާސީޒަނަށް ތައްޔާރުވާން މާޒިޔާއިން ޕްރެކްޓިސް ފަށާނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށާއި، އޭގެކުރިން އަންނަ ބުދަ ދުވަހު ޓްރަޔަލްއެއް ބާއްވާނެކަމަށް އެކްލަބުން ބުނެފިއެވެ. އޭއެފްސީކަޕްގައި މިއަހަރުވެސް ވާދަކުރާ މާޒިޔާއިން ބުނީ ސްކޮޑް ފައިނަލްކުރުމުގެ ކުރިން ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ހުޅުވާލާނެކަމަށެވެ.މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 24 އަށް ޢާންމުކޮށް ހުޅުވާލައިގެން ޓްރަޔަލްއެއް ބާއްވާނެކަމަށް މާޒިޔާގެ ޖެނެރަލް ސެކެޓްރީ އަބުދުލްވައްހާބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެޓްރަޔަލްގައި ބައިވެރިވެ، މާޒިޔާގެ ސްކޮޑުން ޖާގަ ހޯދުމުގެ ފުރުޞަތު ޒުވާން ކުޅުންތެރިންނަށް އެބައޮތްކަމަށެވެ." އަޅުގަނޑުމެން ޕްރެކްޓިސް ފަށާނީ 25 ވަނަ ދުވަހު. އެގެކުރިން ޓްރަޔަލްއެއް ބާއްވާނަން ޢާއްމުކޮށް ހުޅުވާލައިގެން. ޓްރަޔަލުއިން ރަނގަޅު ކުޅުންތެރިން ސްކޮޑަށް ނަގައިގެން 25 ގައި ޕްރެކްޓިސް ފަށާނީ. " ވައްހާބު ވިދާޅުވިއެވެ.މާޒިޔާއަކީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްކަޕްގެ ޗެމްޕިއަން ޓީމެވެ. ކުރިއަށް އޮތް ސީޒަނަށްވެސް އެންމެ ވަރުގަދަ ސްކޮޑެއް އޮތީ މާޒިޔާގައެވެ. މާޒިޔާގައި އޮތް ވަރުގަދަ ސްކޮޑްގެތެރެއަށް އިތުރުވި މުޙިންމު ކުޅުންތެރިންގެ ތެރޭގައި އަސްއަދު އަލީ، އިސްމާއީލް އީސާ، އަހުމަދު ރަޝީދު، ޔަސްފާދް ހަބީބު ހިމެނެއެވެ.