ރާއްޖޭގެ ދެކުނުގައި މަސްވެރިކަން ތަރައްގީކުރުމަށް ރާވާފައިވާ ޕްލޭންތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފެލިވަރު އަދި ކޫއްޑޫ މަސް ކާރުޙާނާ އިތުރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަކީ ފާހަގަކޮށްލެވޭ މަޝްރޫޢެކެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، ދެކުނުގައި ޤާއިމްކުރާ މަސްވެރިކަމުގެ ވަސީލަތްތަކުގެ އަމަލީ މަސައްކަތްތައް އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ސަރުކާރުން ވަނީ ދެކުނުގައި މަސްވެރިން އަތުން މަސް ގަތުމަށް އިތުރު ފެސިލިޓީތައް ޤާއިމް ކުރުމަށްވެސް ނިންމާފައެވެ. އެގޮތުން ގދ. ތިނަދޫ އަދި މ.މުލަކުގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ސީއީއޯ އިސްމާއިލް ވިދާޅުވީ ކޫއްޑޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާއިރު، އޭގެތެރޭގައި ކޫއްޑޫގެ ބަނދަރު ތަރައްޤީކުރުމާއި، ކޯލްޑު ސްޓޯރޭޖު ބޮޑުކުރުމަށް ރާވާފައިވާ ކަމަށެވެ. މިއާއެކު މަސް ގަނެވޭ މިންވަރު އިތުރުވެގެންދާނެކަމަށް އިސްމާއިލް ވިދާޅުވިއެވެ.
"ކޫއްޑޫގެ ބަނދަރުގެ މަސައްކަތް ޓެންޑަރަށްލުމުގެ މަސައްކަތް ކުރިއަށްދަނީ، ރޯދަމަސް ނިމުމުގެ ކުރިން ޓެންޑަރ ބޯޑުން މި މަސައްކަތް އިޢުލާންކުރާނެ ކަމަށް، ކޯލްޑު ސްޓޯރުގެ މަސައްކަތް އަދި އިތުރު ފެސިލިޓީތަކުގެ މަސައްކަތްތައް ފެށުމަށް، ބޭނުންވާ މަސައްކަތްތަށް ކުރިއަށް އެބަދޭ،" އިސްމާއިލް ވިދާޅުވިއެވެ.
ކޫއްޑޫގައި މިހާރު ޤާއިމްކުރެވިފައިވަނީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި ކޫއްޑޫ ތަރައްޤީކުރުމުގެ މަޝްރޫޢާއެކު 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރެވިގެންދާނެއެވެ.
މީގެއިތުރުން ގދ. ތިނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި މ. މުލަކުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް އަދި ތިނަދޫ އާއި މުލަކުގައި އައު ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް ނިމުމުން، މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް %61 އިތުރުކުރެވޭކަމަށް ސަރުކާރުން ލަފާކުރައްވައެވެ.