ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި ސަރަހައްދުން ފެނުނު ވަޅިން، މި މައްސަލާގައި ދައުވާލިބޭ އަދުހަމް މުޙައްމަދުގެ ޑީއެންއޭ ފެނިފައިވާކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4ވަނަ ދުވަހު އަދުހަމް، ގާސިމަށް ވަޅިއަކުން ހަމަލާދީ މަރާލާފައިވަނީ ދަތުރެއްކުރުމަށް ކަމަށް ބުނެ ޓެކްސީއަށް އެރުމަށްފަހު ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. މި މައްސަލާގައި ދައުވާ ލިބޭ ޅ.ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދު ވަނީ ކުށަށް ޢިއުތިރާފުވެފައެވެ. ނަމަވެސް އެމަރަކީ އޭނާ ގަސްދުގައި ކުރިކަމެއް ނޫންކަމަށް ބުނެފައިވުމުގެ ސަބަބުން ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަން އަންނަނީ ނަގަމުންނެވެ.
މި މައްސަލާގައި ޑީއެންއޭ ތަހުލީލްކުރި ފުލުހުންގެ މީހާ ކޯޓުގައި ހެކިބަސް ދެމުން ބުނީ، ހާދިސާ ހިނގި ސަރަހައްދުން ހޯދި ވަޅީގެ ތިލައިން ޤާސިމް ޙަސަންއާއި، އަދުހަމާއި އިތުރު ކާކުކަން ނޭނގޭ ތިން މީހެއްގެ ޑީއެންއޭ ފެނިފައިވާކަމަށެވެ. މިގޮތުން އަދުހަމްގެ ޑީއެންއޭ ދިމާވީ، މީގެ ކުރިން އެހެން މައްސަލައެއްގައި އޭނާ ހައްޔަރުކޮށް ނަގާފައިވާ ޑީއެންއޭއާއި ދިމާވޭތޯ ބަލައިގެންކަމަށް ފުލުހުންގެ މީހާ ބުންޏެވެ.
މީގެ އިތުރުން ޤާސިމް ޙަސަން ދުއްވި ކާރުގެ ތެރެއިންވެސް އަދުހަމާއި ޤާސިމްގެ ޑީއެންއޭ ފެނިފައިވާކަމަށް ފުލުހުންގެ މީހާ ހެކިބަސް ދިނެވެ.
މި މައްސަލާގައި ވަޅި ހޯދުމުގައި އުޅުނު ފުލުހަކުވެސް ވަނީ ހެކިބަސް ދީފައެވެ. އޭނާ ބުނީ ހަމަލާ ދިންކަމަށް ބެލެވޭ ވަޅި ފެނިފައިވަނީ އެ ސަރަހައްދަށް ފުލުހުންގެ ޓީމުން ގޮސް ފާސްކުރަނިކޮށް އެ ސަރަހައްދުގެ ގަސްތަކުގެ ތެރޭގައި ހުރި ވަޅުގަނޑެއްގެ ތެރެއިންކަމަށެވެ.
މި މައްސަލާގައި ވީޑިއޯ ފޫޓޭޖުތައް ތަހުލީލްކުރި ފުލުހުންގެ މީހާ ހެކިބަސް ދެމުން ބުނީ، ޤާސިމަށް ހަމާލާ ދިން ދުވަހު މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުގައި އަދުހަމް ހަރަކާތްތެރިވާ މަންޒަރު ފެންނަކަމަށާއި، އެ ވީޑިއޯތަކުން ސާފުކޮށް ފެންނަ މީހާއާއި އަދުހަމްގެ ސިފަތައް އެއްގޮތްވުމުން އެއީ އަދުހަމްކަން ޔަޤީންކުރެވޭކަމަށެވެ.
މި މައްސަލާގައި ކުރިއަށް އޮތް އަޑުއެހުމުގައިވެސް އިތުރު 3 މީހެއްގެ ހެކިބަސް ނެގުމަށް ވަނީ ތާވަލުކޮށްފައެވެ.
ޤާސިމް ހަސަން މަރާލި މައްސަލާގައި މީގެކުރިން ބޭއްވި އަޑުއެހުމުގައި ޤާޟީ ވަނީ އަދުހަމް ކުށަށް އެއްބަސްވިނަމަވެސް އަދަބަށް ލުޔެއް ދެވެން ނެތްކަމަށް ވިދާޅުވެފައެވެ. އަދަބަށް ލުޔެއް ލިބޭނީ އިބްތިދާއީ މަރުހަލާގައި އިޢުތިރާފް ވުމުން ކަމަށާ، ނަމަވެސް ކުށަށް އިއުތިރާފްވާން ބޭނުންނަމަ އަދިވެސް އެ ފުރުޞަތު އޮންނާނެކަމަށް މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވެފައިވެއެވެ. އެ އަޑުއެހުމުގައި އަދުހަމް ވަނީ ކުށަށް އިޢުތިރާފްވާން ބޭނުންވާކަމަށް ބުނެފައެވެ. އަދި އެދެނީ ވީހާވެސް އަވަހަށް ޝަރީޢަތް ނިންމަންކަމަށްވެސް އަދުހަމް ބުންޏެވެ.