ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔޭން މިޔުނިކް ހައިރާން ކޮށްލުމަށްފަހު އެމުބާރާތުގެ ސެމީފައިނަލުން ވިޔަރެއާލް ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ސެމީފައިނަލުން ވިޔަރެއާލް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ބަޔޭން އާއި ބައްދަލުކޮށް 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ވިލަރެއާލްގެ ދަނޑުގައި ކުޅެ އެއްލަނޑު ސުންލަނޑުން ވިޔަރެއާލް ކާމިޔާބުކުރިއިރު ބަޔޭންގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. ފުރަތަމަ ލެގުން ވިޔަރެއާލް ކާމިޔާބު ކުރުމާއެކުވެސް ސެމީފައިނަލުން ޖާގަހޯދާނީ ބަޔޭން ކަމަށް ގިނަ ބަޔަކަށް ހީވެފައިއޮތުމާއެކު ރޭގެ ނަތީޖާއަކީ ގިނަބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ނަތީޖާއެކެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސްޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ބަޔޭންއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. އަދި މިނަތީޖާއާއެކު ދެޓީމްގެ އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށް އޮވެ މެޗް ނިމެން ދަނިކޮށް ވިޔަރެއާލް ކޮޅަށް މިކުރިމަތިލުން އަނބުރާލި ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހާދިނީ ސެމިއުލް ޗުކްވުއޭޒޭއެވެ.
މިކާމިޔާބީއާއެކު ވިޔަރެއާލް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޖާގަ ލިބިގެންދިޔައިރު މިއީ މިމުބާރާތުގެ ސެމީފައިނަލުން ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި ޖާގަ ހޯދުނު ފުރަތަމަ ފަހަރެވެ. ސެމީފައިނަލްގައި ވިޔަރެއާލް ބައްދަލުކުރާނީ ލިވަޕޫލާއި ބެންފީކާ ބައްދަލުކުރާ ކުރިމަތިލުމުން ކުރި ހޯދާ ޓީމަކާއެވެ.