ކުޅިވަރު

ޗެލްސީ ކަޓުވާލައި ރެއާލް ސެމީއަށް


ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ބަލިކޮށް ސެމީފައިނަލުން ރެއާލް މެޑްރިޑް ޖާގަހޯދައިފިއެވެ.

ރެއާލްއިން ޗެލްސީގެ މައްޗަށް ކުރި ހޯދީ ކުއާޓާ ފައިނަލުގެ ދެލެގުގެ އެގްރިގޭޓް 5-4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗް 3 ލަނޑު އެއްލަނޑުން ރެއާލް ކާމިޔާބު ކުރިއިރު ރެއާލްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގްގެ ފުރިހަމަ ވަގުތު ހަމަވިއިރު 3 ލަނޑު އެއްލަނޑުން ކުރީގައި އޮތީ ޗެލްސީއެވެ. އެހެން ކަމުން ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ދެހާފް ކުޅެގެންނެވެ. ރޭގެ މެޗް ވެގެންދިޔައީ ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އަދި ވަރަށް ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެކަށެވެ. ފުރަތަމަ ލެގްގެ ނަތީޖާގެ ސަބަބުން މިމުބާރާތުގެ ސެމީފައިނަލުން ރެއާލް ފަސޭހަ ކަމާއެކު ޖާގަހޯދާނެކަމަށް ހީވި ނަމަވެސް ޗެލްސީއިން ދެއްކި ކުލުމާއެކު މެޗްގެ ވަކި ހިސާބަކުން ޗެލްސީ ސެމީފައިނަލަށް ހިނގައިދާނެކަމަށްވެސް ހީވެގެންދިޔައެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ޗެލްސީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެއެވެ. އަދި މެޗްގެ 51 ވަނަ މިނެޓްގައި އެންޓޯނިއޯ ރުޑިގަރ ޖަހާދިން ލަނޑާއެކު އެގްރިގޭޓް ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ. އަދި މެޗްގެ 75 ވަނަ މިނެޓްގައި ޓީމޯ ވަރނަރ ކާމިޔާބުކޮށްދިން ޗެލްސީގެ ތިންވަނަ ލަނޑާއެކު މި ކުރިމަތިލުން ޗެލްސީކޮޅަށް ބުރަވެ އެގްރިގޭޓް ނަތީޖާގައި ޗެލްސީއިން ކުރި ހޯދިއެވެ. ނަމަވެސް މިގޮތުގައި ޗެލްސީއަށް ހިފަހައްޓާލެވޭވަރުވީ ފަސްމިނެޓްވަންދެނެވެ. ރެއާލްއިން ލަނދެއް ޖަހުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ މެޗްގެ 80 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔާ ރޮޑްރިގޯ ލަނޑެއް ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރުމެވެ.

ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާއަށް އިތުރު ބަދަލެއް ނައުމުން މެޗްގެ ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެހާފް ކުޅެގެންނެވެ. އިތުރު ވަގުތުގައި އެގްރިގޭޓް ނަތީޖާއިން ރެއާލްއިން ހޯދި ލަނޑު މެޗްގެ 96 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލެގްގައި ހެޓްރިކް ހެދި ކަރީމް ބެންޒީމާއެެވެ. މިލަނޑައެކު ރެއާލްއިން ސެމީފައިނަލުން ޖާގަހޯދީ 5 ލަނޑު 4 ލަނޑުން ކުރި ހޯދައިގެންނެވެ.

ސެމީފައިނަލްގައި ރެއާލް ބައްދަލުކުރާނީ އެޑްލެޓިކޯ މެޑްރިޑައި މެންޗެސްޓަރ ސިޓީ މިރޭ ބައްދަލުކުރާމެޗަށްފަހު ކުރި ހޯދާ ޓީމަކާއެވެ.