ކުޅިވަރު

ފޯކައިދޫއާއި، އޭދަފުށްޓާއި، ފޭދޫ ސެމީއަށް


މިނިވަން 50 ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު ދެ މެޗަށްފަހު ށ.ފޯކައިދޫއާއި، ބ.އޭދަފުއްޓާއި، ސ.ފޭދޫއަށް ސެމީފައިނަލް ކަށަވަރުވެއްޖެއެވެ. ސ.ފޭދޫ ސެމީފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު އައްޑޫ ސިޓީ ހިތަދޫ ޒީން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކެޔޮދޫ ޓީމް 6-1 ން ބަލިކޮށްގެންނެވެ. މިނަތީޖާއާއެކު ކެޔޮދޫ ވަނީ ކަޓާފައެވެ. މިގްރޫޕުން ސެމީފައިނަލްގެ ދެވަނަ ޖާގަ ލިބޭ ޓީމެއް ކަށަވަރުވާނީ މާދަމާ ފަރެސްމާތޮޑާއާއި، ލ.ގަން ވާދަކުރާ މެޗު ނިމުމުންނެވެ. އެމެޗުން މޮޅުވާ ޓީމަކަށް ސެމީގެ ޖާގަ ލިބޭނެއެވެ.ފޯކައިދޫއާއި، އޭދަފުއްޓަށް ސެމީފައިނަލް ކަށަވަރުވީ ކުޅުދުއްފުށީފައި މިއަދު ކުޅުނު މެޗު އެއްވަރުވެ، އެމެޗުގައި ވާދަކުރި ދެ ޓީމް ކެޓުމުންނެވެ. ނޮޅިވަރަމްއާއި މާމިގިލި ވާދަކުރި މެޗު އެއްވަރުވީ 1-1 ނެވެ. ގްރޫޕްގެ އެއްވަނަ ހޯދުމަށް މިދެޓީމް މާދަމާ ވާދަކުރާނެއެވެ. ސެމީފައިނަލް ދެމެޗާއި ފައިނަލް މެޗު އަދި ތިންވަނަ ހޮވާ މެޗު ކުޅޭނީ އައްޑޫ ސިޓީގައެވެ. އެމެޗުތައް ޓީވީއެމްއިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.