ހަނގުރާމަ ހުއްޓާލައި ޔޫކްރެއިނާއެކު ދާޢިމީ ޞުލްހައެއް ޤާއިމުކުރެވިދާނެކަމަށް ނުބެލެވޭކަމަށް ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން ވިދާޅުވެއްޖެއެވެ.
ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕުޓިންވަނީ ހުރިހާ އަސްކަރީ ލަނޑުދަނޑިތަކެއް ރަޝިޔާއިން ޙާޞިލުކުރާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އެ ގޮތުން ހަނގުރާމަ ނިމުމަކަށް އަންނާނީ ރަޝިޔާގެ ފައުޖުތަކަށް ކާމިޔާބު ލިބިގެންކަމަށް ވަރަށް އިތުބާރާއެކު ޕުޓިން ވިދާޅުވިއެވެ. ނަމަވެސް ހަނގުރާމަ ދިގުލައިގެން ގޮސްދާނެކަމަށް އިޝާރާތްކުރައްވައި ޕުޓިން ވިދާޅުވީ ޔޫކްރެއިނާއެކު ދާޢިމީ ޞުލްހައެއް ޤާއިމުކުރެވިދާނެކަމަށް ނުބެލެވޭކަމަށެވެ. އެ ގޮތުން ޔޫކްރެއިނުން މަސައްކަތްކުރަނީ އިތުބާރުކުރެވޭ މާޙައުލެއް ޤާއިމުކުރުމުގެ ބަދަލުގައި ރަޝިޔާއާ ދެކޮލަށް ދޮގު ތުޙުމަތުތަކެއް ކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އޭނާ ވިދާޅުވި ގޮތުގައި ޔޫކްރެއިނާއެކު ކުރަމުންދާ މަޝްވަރާތަކަށްވަނީ ހުއްޓުމެއް އައިސްފައެވެ،
ޤައުމާ މުޙާތަބުކުރައްވައި ވާހަކަދައްކަވަމުން ޕުޓިންވަނީ ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމަ ދިފާޢުކުރައްވައި ވާހަކަދައްކަވައިފައެވެ. އެ ގޮތުން ޔޫކްރެއިނަށް ޙަމަލާދޭން ޖެހުނީ މަޖުބޫރުވެގެންކަމަށް ޕުޓިންވަނީ އަނެއްކާވެސް ވިދާޅުވެފައެވެ. އެ ގޮތުން ހުޅަނގުގެ ބާރުތަކުގެ ޢަމަލުތަކުގެ ސަބަބުން ރަޝިޔާގެ ސަލާމަތަށް ނުރައްކާވެފައިވާކަމަށާއި އެއީ އެ ޤައުމުން ކޮންމެހެންވެސް ފިޔަވަޅުއަޅަން ޖެހޭނެކަމެއްކަން ދުނިޔޭގެ ޤައުމުތަކުން ޤަބޫލުކުރަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިނަށް ޙަމަލާދޭން ފެށުމުން ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ޕުޓިން ވިދާޅުވީ ފުލުފުލުގައި އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއް ނުފެންނަކަމަށެވެ. އެ ފިޔަވަޅުތަކުގެ އަސަރު ބޮޑަށް ކޮށްފައިވަނީ ހުޅަނގުގެ ޤައުމުތަކަށްކަމަށާއި ރަޝިޔާގެ އިޤްތިޞާދީ އަދި މާލީ ޙާލަތު އިތުރަށް ވަރުގަދަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ދުނިޔެއިން ރަޝިޔާ ބާކީކުރުމަށް ބައެއް ޤައުމުތަކުން މަސައްކަތްކުރި ނަމަވެސް އެއީ ކުރެވޭނެކަމެއް ނޫންކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ޤައުމަކުން ބޭނުންވާ ގޮތަށް ދުނިޔޭގެ ނިޒާމުތައް ބައްޓަންކުރުމަކީ މި ޒަމާނުގައި ކުރެވޭނެކަމެއް ނޫނެވެ.