ރަޝިޔާއިން ހެޔޮ އަގުގައި ތެޔޮ ގަނެގެން އިންޑިޔާއަށް ލިބޭނެ ފައިދާއެއް ނެތްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވީޑިޔޯ މެދުވެރިކޮށް މަޝަވަރާކުރައްވަމުން ބައިޑަންވަނީ ރަޝިޔާއާއި ޗައިނާގެ ގުޅުންބަދަހިވުމަކީ އިންޑިޔާއިން ކަންބޮޑުވާނެކަމެއްކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ރަޝިޔާއާ ގުޅުންބަދަހިކުރުމަށް އެ ޤައުމާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް ހެޔޮ އަގުގައި ތެޔޮ ގަނެގެން އިންޑިޔާއަށް ލިބޭނެ ފައިދާއެއް ނެތްކަމަށް ބައިޑަން ވިދާޅުވި ނަމަވެސް އެކަން ހުއްޓާލުމަށް މޯދީއަށް ދަންނަވާފައެއް ނުވެއެވެ. ބައިޑަން ވިދާޅުވި ގޮތުގައި ރަޝިޔާއާ ގުޅުންބަދަހިކޮށްގެން ދުނިޔޭގައި އިންޑިޔާއަށް ހޯދޭނެ ކުރިއެރުމެއް ނޯންނާނެއެވެ.
ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ވަރުގަދަ ހަނގުރާމައެއް ކުރަމުންދިޔަ ނަމަވެސް އިންޑިޔާއިން ގެންގުޅެފައިވަނީ އެއްވެސް ފަރާތަކަށް ނުޖެހޭ ސިޔާސަތުތަކެކެވެ. އަދި ހުޅަނގުގެ ބާރުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިންޑިޔާއިން ތަންފީޒުކޮށްފައެއް ނުވެއެވެ. އޭގެ އިތުރުން އދގެ ސަލާމަތީ މަޖިލީހާއި އދގެ ޢާއްމު މަޖިލީހުގައި ރަޝިޔާއާ ދެކޮޅަށް އިންޑިޔާއިން ވޯޓު ދީފައެއްވެސް ނުވެއެވެ. އެ ކަމުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި އިންޑިޔާއާއި އެމެރިކާއާ ދެމެދުވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސުބްރަމާންޔަމު ޖައިޝަންކަރު ވިދާޅުވީ އެމެރިކާއިން ކަންބޮޑުވާންވީ އިންޑިޔާއާމެދު ނޫންކަމަށާއި އެ ޤައުމަށްވުރެ ގިނައިން ވިލާތުގެ ޤައުމުތަކުން ރަޝިޔާއިން ތެލާއި ގޭސް ގަންނަކަމަށެވެ. އެ ގޮތުން އެއް މަސްދުވަހުގެ ތެރޭގައި އިންޑިޔާއިން ގަންނަ މިންވަރަށްވުރެ ގިނައިން އެއް ދުވަހުގެ ތެރޭގައި ވިލާތުގެ ޤައުމުތަކުން ރަޝިޔާއިން ތެލާއި ގޭސް ގަންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ވީޑިޔޯ މެދުވެރިކޮށް އެ ޤައުމުގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންނާއި ދިފާޢީ ވަޒީރު ލޮޔިޑު އޮސްޓިންވަނީ އިންޑިޔާގެ ދިފާޢީ ވަޒީރު ރަޖުނާތު ސިންގާއި ޖައިޝަންކަރާ މަޝްވަރާކުރައްވައިފިއެވެ. އެ ބައްދަލުވުމުގައި ބުލިންކެންވަނީ އެމެރިކާއިން މީގެ ކުރިން އިންޑިޔާއަށް ދޭންޖެހޭ ސަމާލުކަން ނުދެވުނުކަމަށް އިޢުތިރާފުވެވަޑައިގެންފައެވެ. އަދި އެ ކަމުގެ ސަބަބުން އިންޑިޔާއާއި ރަޝިޔާއާ ދެމެދު ގާތްގުޅުމެއް އުފެދުނުކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެ ބައްދަލުވުމުގައި އޮސްޓިންވަނީ އިންޑިޔާއިން ބޭނުންވާ ހަތިޔާރާއި އަސްކަރީ ސާމާނު އެމެރިކާއިން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.