ޚަބަރު

ޤައުމު ބަންގުރޫޓުކޮށްލުމުގެ ތުޙުމަތު އިމުރާން ޚާނަށް


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމުރާން ޚާނުގެ ވެރިކަމުގައި ޤައުމު ބަންގުރޫޓުވެފައިވާކަމަށް ބުނެ އެ ޤައުމުގެ އައު ސަރުކާރުން ބޮޑެތި ތުޙުމަތުތަކެއްކޮށްފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަޤާމުން އިމުރާން ޚާން ވަކިކުރުމުން އެ ޤައުމުގައި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ އައު ސަރުކާރުން ބުނެފައިވަނީ ޤައުމުގެ އިޤްތިޞާދު އޮތީ ވަރަށް ނާޒުކު ޙާލަތެއްގައިކަމަށާއި ބައިނަލްއަޤްވާމީ މާލީ އިދާރާއާއެކު ކުރަމުންދިޔަ މަޝްވަރާތައް އަލުން ފެށުމަކީ އެންމެ މުޙިއްމުކަމެއް ދޭނެކަމެއްކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންފައިވާ ޝާހުބާޒު ޝަރީފުވަނީ އެ ޤައުމުގެ އިޤްތިޞާދީ ޙާލަތު ދެނެގަނެ ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް ނޭޝަނަލް އެކޮނިމިކް އެޑުވައިޒަރީ ކައުންސިލެއް އުފައްދަވައިފައެވެ. ބައިނަލްއަޤްވާމީ މާލީ އިދާރާއިން ހަ ބިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް ޕާކިސްތާނުން ކުރަމުންދިޔަ މަޝްވަރާތައްވަނީ 2019ވަނަ އަހަރުގެ ތެރޭގައި މެދުކެނޑިފައެވެ.

ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނުގެ އިޤްތިޞާދީ ޙާލަތު ހީނަރުވެ އެ ޤައުމުގެ ރިސާވުވަނީ 11.3 ބިލިޔަން ޑޮލަރަށް ވެއްޓިފައެވެ. އަދި ކޯވިޑް-19އާއި ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ތަކެތީގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

2018ވަނަ އަހަރުގެ ތެރޭގައި ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތް އިމުރާން ޚާނަކީ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި މަޤާމުން ވަކިކުރި ޕާކިސްތާނުގެ ފުރަތަމަ ބޮޑުވަޒީރެވެ.