ޚަބަރު

ބޭރުގެ ދަރަނިތައް ދެއްކުން ލަންކާއިން މެދުކަނޑާލައިފި


ބޭރުގެ ދަރަނިތައް ދެއްކުން ސުރީ ލަންކާގެ މަރުކަޒީ ބޭންކުން މެދުކަނޑާލައިފިއެވެ.

ސުރީ ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޕީ ނަންދަލާލް ވީރަސިންގަ ވިދާޅުވީ ބޭރުގެ ދަރަނިތައް ދެއްކުމަކީ އެ ޤައުމަށް ކުރެވޭނެކަމެއް ނޫންކަމަށްށެވެ. އަދި ބޭރުގެ ދަރަނިތައް ދެއްކުމަށްވުރެ ސުރީ ލަންކާގެ ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޒަރޫރީ ތަކެތި އެ ޤައުމަށް އެތެރެކުރެވޭނެ ގޮތްތައް ހަމަޖައްސާދިނުން މުޙިއްމުކަމަށް ވީރަސިންގަ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސުރީ ލަންކާއިން ބޭރުގެ ދަރަނިތައް ދެއްކުން މެދުކަނޑާލީ އެ ދަރަނިތައް ދައްކާނެ އައު އުޞޫލުތަކެއް އެކުލަވާލުމަށްށެވެ. އަދި އެ ނޫން ގޮތަކަށް އެއްފަހަރާއި ބޮޑެތި ޢަދަދުތަކެއް ދަރަނީގެ ގޮތުގައި ދެއްކެން އެ ޤައުމަށް ނެތްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް އެހީތެރިކަން ހޯދުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއާ މަޝްވަރާކުރަންވަނީ ފަށައިފައެވެ. ސުރީ ލަންކާއިން ދަރަނީގެ ގޮތުގައި ދައްކަންޖެހޭ 25 ބިލިޔަން އެމެރިކާ ޑޮލަރު އެބައޮތެވެ. އޭގެ ތެރެއިން ފަސް ބިލިޔަން އެމެރިކާ ޑޮލަރު ދައްކަން ޖެހެނީ ޗައިނާއަށެވެ. އެ ޤައުމުން މި އަހަރުގެ ތެރޭގައި ހަތަރު ބިލިޔަން އެމެރިކާ ޑޮލަރު ދަރަނީގެ ގޮތުގައި އެކި ފަރާތްތަކަށް ދައްކަން ޖެހެއެވެ. އޭގެ ތެރެއިން އެއް ބިލިޔަން އެމެރިކާ ޑޮލަރު އަންނަ ޖުލައި މަހުގެ ތެރޭގައި ދައްކަންޖެހެއެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ. އެއާއެކު އެ ޤައުމުން ތެޔޮ ގަތުމަށް ބޭނުންކުރާނެ ބޭރު ފައިސާ ހުސްވެ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގިނަ ވަޤުތުތަކަކަށް ކަރަންޓު ކަނޑަންވަނީ މަޖުބުރުވެފައެވެ. ސުރީ ލަންކާއަށް އިޤްތިޞާދީ ނާޒުކު ޙާލަތުން އަރައިގަތުމަށް އެ ޤައުމުން އެންމެ ބޮޑު އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ. އެ ގޮތުން އެތައް ބިލިޔަން ޑޮލަރެއްގެ ލޯން ދިނުމަށް ސުރީ ލަންކާއިންވަނީ އިންޑިޔާއާއި ޗައިނާގައި އެދިފައެވެ. އެ ގޮތުން އިންޑިޔާއިންވަނީ ފަހުން ފައިސާދައްކާގޮތަށް އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ކާބޯތަކެއްޗާއި ހަނޑުލާއި ތެލާއި ބޭސް ސުރީ ލަންކާއަށް ފޮނުވުމަށް އެއްބަސްވެފައެވެ.