މުނިފޫހިފިލުވުން

ރަންބީރަކީ ތެރަޕިސްޓެއް


ޝޫޓިންގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ޑައިރެކްޓާ ލަވް ރަންޖަންގެ ކުރިއަށް އޮތް ފިލްމުގައި ރަންބީރު ފެންނާނީ ތެރަޕިސްޓެއްގެ ރޯލުންނެވެ. އަދި މިއީ ރަންބީރު މި ރޯލު ކުޅޭ ފުރަތަމަ ފަހަރެވެ.

ރަންބީރާއި "ޗިޗޯރޭ" ގެ ތަރި ޝްރައްދާ ކަޕޫރު ފެންނާނެ މި ފިލްމުގެ މަސައްކަތް 2020 ވަނަ އަހަރު ފެނިކަމުގައިވިޔަސް ކޯވިޑާއި ހެދި ފިލްމު ރިލީޒްކުރާ ތާރީޚް ވަނީ އެތައް ފަހަރަކު ބަދަލުވެފައެވެ.

ނަން އަދި އިޢުލާނު ނުކުރާ ލަވް ގެ މި ފިލްމު ވެގެންދާނީ ރަންބީރާއި ޝްރައްދާ އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. މީގެއިތުރުން "ޕިޔާރުކާ ޕަންޗްނަމާ" އަދި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ވެސް ޑައިރެކްޓުކޮށްފައިވާ ލަވް އާއިއެކު ރަންބީރު މަސައްކަތްކުރާ ފުރަތަމަ ފަހަރުވެސްމެއެވެ.

ރޮމޭންޓިކް ކޮމެޑީއެއްކަމަށްވާ މި ފިލްމުގައި ރަންބީރާއި ޝްރައްދާގެ އިތުރުން ޑިމްޕަލް ކަޕާޑިއާ އާއީ ބޯނީ ކަޕޫރުވެސް ފެންނާނެއެވެ. ބޯނީ އާއި ޑިމްޕަލް ފެންނާނީ ރަންބީރުގެ މަންމައާއި ބައްޕަގެ ރޯލުންނެވެ. ލަވް އާއި އަންކުރު ގާގް ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ މާޗް މަހުއެވެ.

ބޮލީވުޑްގެ އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ހިމެނޭ އެކަކު ކަމުގައިވާ ރަންބީރުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި މިއަހަރުގެ ޖުލައި މަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "ޝަމްޝޭރާ" އަދި ހަމަ މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރަން ހަމަޖައްސާފައިވާ ފިލްމު "ބްރަމަސްތުރާ" ހިމެނެއެވެ. މި ފިލްމުގައި ރަންބީރާއިއެކު ފެންނާނީ ލޯބިވެރިޔާ އާލިއާ ބަޓް އެވެ. އާލިއާ އާއި ރަންބީރުގެ ކައިވެނި މި މަހު 15 ގައި ކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

"ނާގިން" ، "ސްޓްރީ 2" ، "ޗާލްބާޒް އިން ލަންޑަން" ، "ޗަންދާ މާމާ ދޫރު ކޭ" އަދި "ދަޅްކަން 2" އަކީ ޝްރައްދާގެ ކުރިއަށްހުރި ފިލްމުތަކެވެ.