މުނިފޫހިފިލުވުން

ވާހަކަ: އަނިޔާ


ފަތިހުގެ ހަމަހިމޭން ވަގުތެވެ. ފަތިސްނަމާދުކޮށްލައިގެން ޒާރިއާ ނުކުތީ ގެއާދިމާ އަތިރިމައްޗަށެވެ. މަޑު ފިޔަވަޅުގައި ގޮސް ރާޅު ބީއްސާލާ ހިސާބުގައި މަޑުކޮށްލިއެވެ. ޒާރިއާގެ ފައިގައި ރާޅުފޮނުތަށް ބޮސްދެމުންދިޔައިރު، ފިނިވައިރޯޅިތައް ޒާރިއާގެ މޫނުގައި ބީހެމުންދިޔައެވެ. ރާޅު ބީއްސާލާ ރީތި މިއުޒިކީ އަޑުން ޒާރިއާގެ ހިތަށް ފިނިކަން ލިބެމުންދިޔައެވެ. ކުދިދޫނިތައް ފަތިހާ ހޭލައިގެން ހާލިން ނުކުމެ ގޮވާއަޑު އިވެމުންދެއެވެ. އެ ދޫނިތައް ފަދައިން މިއަދު ޒާރިއާވެސް އުނދުހިލަން ބޭނުމެވެ. އެހެނަސް ޒާރިއާގެ ފިޔަގަނޑުވަނީ ބިނދިފައެވެ. ކަނާތުގައި އަޅާފައިވާ ޕްލާސްޓާރުގައި ފިރުމާލަމުން، އިރުއަރާ މަންޒަރު ބަލަން ޒާރިއާއަށް ހުރީ ނެގިމަޑުވެފައެވެ. މިއީ ޒާރިއާ ބަލާހިތުން ބަލާ ފޫހިނުވާ މަންޒަރެކެވެ. އެއީ ޒާރިއާގެ ހަނދާންތައް ވެސް ގުޅިފައިވާ ވަގުތެކެވެ. އިރުގެ ރަން ދޯދިތަށް ޒާރިއާގެ މޫނަށް އެޅެމުން ދިޔަވަރަކަށް ޒާރިއާއަށް ދެލޯ މަރާލެވުމާއެކު ސިފަވަމުން ދިޔައީ މީގެ ފަސް އަހަރު ކުރިން ދިމާވި ޒުވާނާއެވެ.

ޒާރިއާ އާއި އެ ޒުވާނާ ފުރަތަމަ ބައްދަލުވީވެސް މިމަންޒިލުންނެވެ. އެ ދުވަހު ޒާރިއާ އަތިރިމައްޗަށް ނުކުތީ ރާޅު ބީއްސާލާ ރީތި މިއުޒިކީ އަޑު އަހާލުމަށެވެ. ޒުވާނާއައީ ކަސްރަތުކުރުމަށް މޫދަށެވެ. ޒާރިއާގެ ދެލޯ ޝައުގުވެރިވީ އެ ރީތި އިސްކޮޅަށެވެ. ބާމަތިފުޅާ، ކަސްރަތީ ހަށިގަނޑަށް ކަޅި ޖަހާނުލާ މޫދުން އަރައިގެން ދަންދެން ޒާރިޔާއަށް ބަލަންހުރެވުނެވެ. އެއީ ކުރިން ރަށުން ނުފެންނަ ޒުވާނެކެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާފައިވާއިރު ކޮލުގައި ކުޑައަޑިކޮޅެއްވެއެވެ. މި ޒުވާނާގެ ރީތިކަމަށް ޒާރިއާ ހިތާހިތާ ތައުރީފުކުރިއެވެ. އޭގެފަހުން ޒާރިއާ ކޮންމެ ދުވަހަކު ވެސް އަތިރިމައްޗަށްދެއެވެ. އިރުގެ ރަންދޯދިތަށް ދެކޭކަށްނޫނެވެ. އެ ޒުވާނާ ދުށުމުގެ ޝައުގުވެރި ކަމުގައެވެ. މިގޮތުގައި ދުވަސްތަކެއް ހޭދަވަމުން ގޮސް މިއަދު އެ ޒުވާނާއެއް ނުފެނުނެވެ. ޒާރިއާއަށް އިރުއިރު ކޮޅުން ގަޑިއަށް ބަލާލެވެއެވެ. ދެއަށްދިއުމަށް އެނބުރިލި ވަގުތު ކުރިމަތީހުރި ޒުވާނާ ފެނި ޒާރިއާ ސިއްސައިގެން ގޮސް އަރިއަޅާލިއެވެ. އެވަގުތު އޭނާގެ ބާރުގަދަ އަތުން ޒާރިއާ ވެއްޓުނަނުދީ ހިފަހައްޓެއެވެ. ޒާރިއާއަށް ހިފުނީ ޒުވާނާގެ ގަމީހުގައެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީވަގުތު ޒާރިއާއަށް ބުނެދޭން ނޭގޭ އިހްސާސްތަކެއް ކުރުވިއެވެ. ޒާރިއާ ތެޅިގަނެފައި ޒުވާނާއާ ދުރުވެލިއެވެ. ޒާރިއާގެ އަތް ތުރުތުރު އަޅަން ފެށިއެވެ. ދެއަތް ދެއަތާ މޮޑެން ހުއްޓައި އެ ޒުވާނާ ސަލާމަށް އަތްދިއްކޮށްލިއެވެ. ޒާރިއާ ސަލާން ކޮށްލުމާއިއެކު ޒުވާނާ ތަޢާރަފްވެލިއެވެ. ނަމަކީ އާހިލްއެވެ. ޒާރިއާ ވެސް ހިނިތުންވެލަމުން ނަން ބުނެލިއެވެ. އާހިލްއަކީ ރަށުކުއްޖެއްކަން ޒާރިއާއަށް އެގުނީ އާހިލް ބުނުމުނެވެ. ރަށަށް ނާންނަތާ ދިހަ ވަރަކަށް އަހަރު ވީކަމާއި ހިތްހަމަޖައްސާ މަޖާ ކޮށްލަން ދުވަސްކޮޅަކަށް އައީކަމަށް އޭނާ ބުންޏެވެ.

ޒާރިއާއާއި އާހިލް ކޮންމެ ދުވަހަކުވެސް އެމަންޒިލުން ބައްދަލުވެއެވެ. ޒާރިއާގެ ހިތް އާހިލްއަށް ލެބެމުން ދިއައެވެ. ނަމަވެސް އިސްވެ ބުނާކަށް ނުކެރުނެވެ. އާހިލްވެސް އެފަދަ އިޝާރާތެއް ނުކުރާތީއެވެ. ލޯބިވެރިއަކު ހުންނަނީބާއޭ ޒާރިއާގެ ހިތަށް އަރަމުން ދިޔައެވެ. މިގޮތުގައި ބައްދަލުކުރަނިކޮށް އާހިލް ފުރަން ޖެހިއްޖެއެވެ. ވަކިވުމުގެ ވަގުތު ޖެހުންއިރު ޒާރިއާ ހީކުރީ އާހިލް ލޯބިހުށަހަޅާނެކަމަށެވެ. އާހިލް ފުރައިގެންދާތީ ޒާރިއާ ހުރީ ވަރަށް ދެރަވެފައެވެ. ވަކިވުމުގެ ކުރިން އާހިލް ޒާރިއާއަށް ރަތް ފިނިފެންމަލަކާއެކު ފަތްޖަހާލާފައިވާ ކުޑަ ކަރުދާސް ކޮޅެއް ދިނެވެ. އާހިލް ފުރުމުން ނޫނީ އޭގައިވާ އެއްޗެއް ނުކިޔުމަށް އެދުނެވެ. އާހިލް ޒާރިއާއާއި ސަލާމް ކުރުމަށްފަހު ދިޔުމާއެކު ކެތްމަދުވެފައިވާ ޒާރިއާ ކަރުދާސްކޮޅު ހުޅުވާލުމަށްފަހު ކިޔާލިއެވެ. "އަހަރެން ޒާރިއާ ކައިވެނި ކުރަން ބޭނުން" ވީ އުފަލުން ޒާރިއާއަށް ހަޅޭއްލަވައިގަނެވުނެވެ. ފިނިފެންމަލުގައި ބޮސްދެމުން ދެލޯމަރާލާ ހިނިތުންވެލިއެވެ. ވީއުފަލުން މާހިފައިގެންގޮސް އަތިރިމަތީ ރާޅުފެންޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ. އިރުގެ ރަންދޯދިތަކުން ފަޒާ އަލިކުރަމުންދިޔައިރު ޒާރިއާގެ މޫނުމަތިން ވެސް އުޖާލާކަން ފެންނަމުންދިޔައެވެ. ގެއަށްގޮސް ހެނދުނުގެ ސައިބޮއެގެން ޓީވީ ހުޅުވާލިއިރު ކުއްލި ޚަބަރެއް ކިޔަމުންދިޔައެވެ. ޒާރީއާ ދެ ލޯ ބޮޑުވިއެވެ. އިވުނު އަޑު ޔަގީން ކުރަން ޓީވީ ކައިރީ މަޑުކޮށްގެން އިންއިރު ޒާރިއާގެ ހިތް ތެޅެމުންދިޔައެވެ. ޒާރިއާގެ ކަންފަތުގައި ޖެހުނީ އާހިލްގެ މަރުގެ ޙަބަރެވެ. ރަށުން ފުރައިގެން މާލެދިޔަ ލާންޗު ބަންޑުން ޖަހާލާ ދަތުރު ކުރި މީހުންގެ ތެރެއިން އެއްބަޔަކު ގެއްލި އަނެއްބަޔަކު މަރުވި ވާހަކައެވެ. މަރުވިމީހުންގެ ތެރޭގައި އާހިލް ވެސް ހިމެނެއެވެ. ލިބުނު އުފާވެރިކަން ކުޑަ ހިދުކޮޅެއްގެ ތެރޭގައި ގެއްލުނީއެވެ. ދުވަސްކޮޅަކަށް މާލެ ގޮސް އަންނަންބުނި އާހިލް މުޅި އުމުރަށް ޒާރިއާ ވަކިވީއެވެ. އެހިތާމައިގައި ޒާރިއާ އެތައްރެއެއް ނުނިދާ ހޭދަކުރިއެވެ. ނަމަވެސް ކެތްތެރިވުން ނޫން ގޮތެއް ޒާރިއާއަށް ނެތެވެ.

އާހިލްގެ ހަނދާންތަކާ ދުރުވުމަށް ޒާރިއާ ވަޒީފާއަކަށް ދިޔުމަށް ނިންމިއެވެ. މަދަރުސީދައުރު ނިންމާ އޮފިސް ދާއިރާއިން ޑިޕްލޮމާ ކޯސް ނިންމުމަށްފަހު ވަޒީފާއަކަށް ނުގޮސް ޒާރިއާ މަޑުކުރީ ދުވަސްކޮޅަކަށް ސިކުޑިއަށް ލުއިކޮށްލުމަށެވެ. ޒާރިއާއަށް ރަށުގެ ކައުންސލް އިދާރާއިން ވަޒީފާ ހަމަޖެހުނެވެ. ވަރަށް އެކުވެރި މާހައުލެކެވެ. ގެއާއި އޮފިހާއި ކައިރިވުމުން ދެތިން މިނެޓުތެރޭ ހިނގާލާފައި ޒާރިއާއަށް އޮފީހަށް ދެވެއެވެ.
އޮފީހަށްދާ މަގުމަތިން ޒާރިއާއަށް ކަމެއް ފާހަގަ ކުރެވެންފެށިއެވެ. ކޮންމެ ދުވަހަކު މަގުގެ އެއްކައިރިން ފެންނަ ޒުވާނާ ކާކުތޯ ބެލުމުގެ ޝައުގުގައި އެ ޒުވާނާއާ ތަންކޮޅެއް ކައިރިން ދާން ޒާރިއާ ނިންމިއެވެ. އިސްކޮޅުން ދިގު މީހެކެވެ. ކޮޑާހަމައަށް ދިގުކޮށްފައިހުރި އިސްތަށިގަނޑުގެ މައްޗަށް މިއަދުހުރީ އަވިއައިނު އަޅާފައެވެ. މިހެންކަމުން އޭނާގެ ރަތްވެފައިހުރި ދެލޯ ޒާރިއާއަށް ފެނުނެވެ. ލާފައިހުރި ގަމީހުގެ މޭމަތިގޮށްވަނީ ނައްޓާފައެވެ. ޖިންސުގެ އެކި ދިމަދިމާލުން ވީދިފައި ހުއްޓެވެ. އަތުގައިއޮތް ސިނގިރެޓްގެ ނުބައިވަހުން ޒާރިއާ ކޮށިއެރިއެވެ. އެހިނދު އެ ޒުވާނާ މަޢާފަށްއެދި ސިނގިރެޓް އެއްލާލިއެވެ. އަދި ސަލާމްކުރުމަށް އަތްދިއްކޮށްލަމުން ތަޢާރަފްވިއެވެ. ސާނީޒްއެވެ. އަޑުއިވޭ ނަމެކެވެ. އެކަމަކު ކާކުކަން އެގެން އިރުކޮޅެއް ނެގިއެވެ. ސާނީޒް މަސްތުވާތަކެތި ބޭނުން ކުރާކަމަށް މީހުންގެ ތުންތުންމަތިން އަޑުއިވެއެވެ. ތެދެއް ދޮގެއް ނޭގެއެވެ. ޒާރިއާ ހިނިތުންވެލާފައި ދިޔައީއެވެ. އޭގެފަހުން ވެސް ކޮންމެ ދުވަހަކުހެން ޒާރިއާ ސާނީޒްއާ ދިމާވެއެވެ.
ދުވަހަކަށްވުރެ ދުވަހެއް ސާނީޒް ޒާރިއާ ވާހަކަދައްކަން މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް ޒާރިއާ ސަމާލުކަމެއްނުދެއެވެ. ސާނީޒްގެ ލޯމަތިން އެއްކިބާވުމަށް ޒާރިއާ އޮފީހަށްދާ މަގު ބަދަލުކުރިއެވެ. އަދި މިވާހަކަ ޒާރިއާ އޭނަގެ ދޮންތަ އަފީފާއާ ހިއްސާކުރިއެވެ. ސާނީޒް މަގުމަތިން ދިމާކުރާ ވާހަކައާ، ޒާރިއާގެ ފޯނަށް މެސެޖްކޮށް ގުޅަންވެސް ގުޅައެވެ. ދޮންތަގެ ފަރާތުން މަންމަ ސަހުމާ އާއި ހަމައަށް އެ ވާހަކަތަށް ފޯރިއެވެ. މަންމަ އާއި ދައްތައަށް ސާނީޒް ވަރަށް ކަމުދިޔައެވެ. ރަނގަޅު އާއިލާއެއްގެ މީހަކަށް ވީމައެވެ. އެހެނަސް ޒާރިއާ ބުނަމުންދިޔައީ ސާނީޒް ކަމުނުދާކަމެވެ. ސާނީޒްގެ މަންމަ ހަސީނާއަކީވެސް ރަނގަޅު މީހެއްކަމާއި، ސާނީޒް ވެސް ކުރީގެ ގޯސް އުޅުން ދޫކޮށް ވަޒީފާއަށް ގޮސް އުޅެނީ ރަނގަޅުވީމަ ކަމާއި، ސަހުމާއަށް ސާނީޒް ވަރަށް ކަމުދާކަމަށް ބުނަމުންދިޔައެވެ. ތެދެކެވެ. ސާނީޒް ވަޒީފާއަދާކުރަނީ ފިހާރައެއްގައެވެ. އެހެނަސް ސަހުމާގެ ވާހަކަތަކަށް ޒާރިއާ ޝައުގުވެރިކަން ނެތުމުން ސަހުމާ އެވާހަކަ ދެއްކިޔަސް ވާހަކަ ބަދަލުކޮށްލައެވެ. ސަހުމާއަށް އެވާހަކަ ދެއްކެނީވެސް ޒާރިއާ މީހަކާ ނީދެ ހުންނާތީއެވެ. މީހަކާ ރައްޓެހިވެސް ނުވާތީއެވެ.

ޒާރިއާ އޮފިސް ނިންމާ ގެއަށް އައިއިރު ޖޯލީގައި ސަހުމާއާއި ސާނިޒްގެ މަންމަ ހަސީނާ ވަރަށް އޮލަ ވާހަކައެއްގައި ތިއްބެވެ. މީގެ ކުރިން މިގަޑީގައި ދުވަހަކު ވެސް ހަސީނާ އައިސްފައިނުވާތީ ޒާރިއާ ބޮލުގައި ރިހުނެވެ. ޒާރިއާ ފެނުމާއެކު ހަސީނާ ހިނިތުންވެލަމުން ތެދުވިއެވެ. "މިހިރަ އައީ ކަމަނަ" ހަސީނާ ޒާރިއާގެ ބޮލުގައި ފިރުމާލިއެވެ. ޒާރިއާ ކޮންކަމެއްހޭ ބުނާކަހަލަ ގޮތަކަށް ސަހުމާއަށް ބަލާލިއެވެ. ޒާރިއާގެ ޙަރަކާތް ފެނި، ސަހުމާ ހިނިތުންވެލަމުން ހަސީނާއްތައަށް ފެންތައްޓެއް ގެނެސްދިނުމަށް އެދުނެވެ. ޒާރިއާ ފެންތައްޓެއްދީފައި އަވަސް އަވަހަށް ގޮސް ކޮޓަރިއާ ދިމައަށް ހިގައިގަތެވެ. "ދެން ގޮސްލީ.. މިކަންވެސް ވެދާނެ އިރާދަ ކުރެއްވައިފިއްޔާ.." ފަސްއެނބުރި ހިގައިގަތް ވަގުތު ހަސީނާގެ އަޑު ޒާރިއާގެ ކަންފަތުގައި ޖެހުނެވެ. އެއަޑު އިވޭކަމަށްވެސް ނުހަދާ ޒާރިއާ ގޮސް ކޮޓަރިއަށްވަދެ އެނދުގައި އިށީނެވެ. މަންމަ ކުރަން އުޅޭ ކަންތަކާމެދު ވިސްނަން ފެށުނެވެ. ސާނީޒްގެ ވާހަކަ ގެއްއަށް ވެއްދުނު މޮޔަހީވެއްޖެއެވެ.
ޒާރިއާއަށް ނޭގި ދެ ފަރާތުގެ އާއިލާއިން ކައިވެނީގެ ކަންތަށް ރާވަމުން ދިޔައެވެ. ހުކުރު ދުވަހަށްވުމުން، ގޭގައި ހެނދުނުގެ ނާސްތާ ނެގި ދުވަހެކެވެ. ސަހުމާ އަނެއްކާވެސް ސާނިޒްގެ ވާހަކަ ފެށިއެވެ. މަންމަ އެކަމާ ރުހޭކަމާއި ކައިވެންޏަށް ރަންކިޔަން ހަފްތާއެއް ތެރޭ މީހުން އަންނާނެކަން ބުނެލީ ޒާރިއާގެ އިޙްސާސްތަކާމެދެ ވިސްނާވެސް ނުލައެވެ. ޒާރިއާ އެއްޗެކޭ ބުނުމުގެ ކުރިން ސަހުމާއެތަނުން ދިޔައެވެ. ޒާރިއާ ދަތްދޮޅިގައި އަތްވިއްދާލައިގެން އެތައްއިރަކު ވިސްނުމުގައި އިދެވުނެވެ. ކައިވެނިކުރަން ހިތްނޭދޭ މީހަކާ ކައިވެނި ކުރުވަން މަންމަމެން އުޅޭތީއެވެ. އަދި އުމުރުވެސް މާމަތިވީއެއް ނޫނެވެ. ހިތްއެދޭ މީހަކާ ބައްދަލުވެސް ވެދާނެއޭ ޒާރިއާގެ ހިތަށް އަރަމުންދިޔައެވެ. އެކަމަކު މަންމަގެ އެދުމާ ދެކޮޅުވާކަށް ވެސް ނުކެރުނެވެ. ފަހަރެއްގައި މަންމަގެ އެދުމަށް އެ ކައިވެނި ނުކޮށްފިނަމަ މުސީބާތަކާ ކުރިމަތިލާން ޖެހިދާނެތީއެވެ. މަންމަ ދެރަވެދާނެތީއެވެ.

ޒާރިއާ ސާނީޒްއާއި ކައިވެނި ކުރުމަށް ރަންކިޔައި ކައިވެނިވެސް ކުރެވުނެވެ. ކުޑަހަފްލާއެއްވެސް ބޭއްވުނެވެ. އެންމެންގެ މޫނުމަތިން އުފާވެރިކަން ފެނުނަސް ޒާރިއާގެ ހިތް ރޮނީއެވެ. ކައިވެނި ކުރެވި ހަފްލާ ނިމެންދެންވެސް ޒާރިއާގެ ހިތުގައިވަނީ އާހިލްއެވެ. އެސޫރަ ފެންނަ ކަހަލައެވެ. ނަމަވެސް ކައިވެނީގެ ފަހުން އާހިލްވެސް ހަނދާން ނެތޭވަރަށް ސާނީޒްގެ ފަރާތުން ލޯތްބާއި އަޅާލުން އަދި އޯގާތެރި ފިރިއަކަށް ވާނެ ކަމުގެ ފޮނި އުއްމީދު ޒާރިއާއަށް ކުރެވުނެވެ.

ކައިވެނީގެ ފުރަތަމަރެއެވެ. ޒާރިއާ ބޭނުންވީ އަވަހަށް ނިދާލާށެވެ. ސާނީޒް ކޮޓަރިއަށް ވަންއިރު ޒާރިއާ އޮތީ އޮށޯވެއެވެ. ސާނީޒް ޒާރިއާގެ މަގަތުގައި އިށީދެލަމުން ޒާރިއާއަށް ގޮވާލިއެވެ. ދެފަހަރަކު ގޮވާލުމުންވެސް އަގައިން ނުބުނުމުން ޒާރިއާގެ ބޮލުގައި ފިރުމާލުމަށްފަހު ސާނީޒްވަނީ ފާހަނައަށެވެ. ފެންވަރައިގެން ނުކުމެ ސާނީޒް ނިދިއިރުވެސް ދެލޯމަރައިގެން އޮތް ޒާރިއާ އޮތީ ނުނިދިފައެވެ.

ހެނދުނު ޒާރިއާއަށް ހޭލެވުނީ ސާނީޒް ފޯނުގެ ރިންގު އަޑަށެވެ. އޭރު ސާނީޒް އުޅެނީ ފާހަނާގައެވެ. ތިންވަނަ ފަހަރު ރިންގުވުމާއެކު ސާނީޒްއަށް ގޮވާލުމުން ވެސް ސާނީޒްގެ އެއްވެސް ޙަބަރެއް ނުވުމުން ޒާރިއާ ފޯނުނެގިއެވެ. "ހެލޯ ގުޑް މޯރނިންގ ބޭބީ.." އެކޮޅުން އިވުނީ އަންހެނެއްގެ އަޑެވެ. ޒާރިއާގެ މޫނުމަތީ ސުވާލް މާކުތައް ފުނިޖެހުނެވެ. ޒާރިއާ އިރުކޮޅަކު ހުރެފައި ވާހަކަދައްކަން އަނގަ ހުޅުވާލުމާއެކު ސާނީޒް އަވަސް އަވަހަށް ފާހާނައިން ނުކުމެ ފޯނު ޖަހައިގަތެވެ. އަދި ޒާރިއާ އެނދުމަށްޗަށް ކޮށްޕާލިއެވެ. މީގެފަހުން އޭނާގެ ފޯނުގައި އަތްނުލުމަށް އަމުރު ކުރިއެވެ. ޒާރިއާ ހުއްޓުން އަރާފައި އޮތީއެވެ. ކައިވެންޏަށް ފުރަތަމައެރި އިރާއެކު ޒާރިއާއަށް ކުރިމަތިލާން ޖެހުނީ ފިރިމީހާގެ ރުޅިވެރި މޫނާއެވެ. ތަދުވިހޭވެސް އަހާނުލާ ސާނީޒް ކޮޓަރިން ނުކުމެގެން ދިޔައީއެވެ.

ޒާރިއާ ފާޑަކަށް އިންނާތީ މައިދައިތަ ހާސީނާގެ ސުވާލުތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް މާބޮޑަށް މަންމަމަތިން ހަނދާންވަނީ ކަމަށްބުނެ ދޮގުހެދިއެވެ. ހެނދުނު ގެއިންނުކުމެގެންދިއަ ސާނިޒް އަދިވެސް ގެއަށް ނާދެއެވެ. އެހެނަސް ޒާރިއާގެ އެއްވެސް ޝަކުވާއެއް ނެތެވެ. ސާނީޒްގެ އެއްވެސް ޙަބަރެއް ނުވުމުން ޒާރިއާ ރޭގަނޑުގެ ކެއުމަށްފަހު ވާހަކަފޮތެއް ކިޔާލުމަށް ފޮތް ހިފައިގެންގޮސް އެނދުގައި އިށީދެލިއެވެ. އިރުކޮޅެއްނުވެ ދޮރުހުޅުވާފައި ސާނީޒްވަނެވެ. އެދުމަތީ ވޮލެޓު ބޭއްވުމަށްފަހު ފާހާނައަށްވަދެ ފެންވަރައިގެން ނުކުތެވެ. ސާނީޒްގެ ކަޅިވަނީ ޒާރިއާއަށް ހުއްޓިފައެވެ. ސާނީޒް ޒާރިއާއާއި ކައިރިވެލިއެވެ. ބަތްކާން ހިގާށޭ ބުނެ ޒާރިއާ ތެދުވަން އުޅުނެވެ. ނަމަވެސް ސާނީޒް ޒާރިއާގެ އަތުގައި ހިފަހައްޓަމުން ޒާރިއާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރީތިކޮށްލަދިނެވެ. ޒާރިއާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން މާފަށް އެދުނެވެ. ހެނދުނު ވީ ކަންތަކާމެދުއެވެ. ޒާރިއާ އެއްޗެކޭ ނުބުނެ އިނީއެވެ. ސާނީޒްގެ މޫނު ޒާރިއާގެ މޫނާ ކައިރިކޮށްލުމާއެކު ޒާރިއާއަށް ދެލޯމަރާލެވުނެވެ. ސާނީޒްގެ ބީހުންތަކުން ޒާރިއާ ހުރިހާކަމެއް ހަނދާން ނެތުނެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. ސާނީޒްގެ ފަރާތުން އެދުވަހުގެ ފަހުން އެރުޅިވެރިކަމެއް ނުފެނެއެވެ. ދިރިއުޅުން ވަރަށް އުފާވެރިވާނެ ކަމަށް އުއްމީދު ކުރެވުނެވެ. ކައިވެންޏަށް ނެގި ޗުއްޓީ ނިމުމުން ދެމީހުންވެސް ވަޒީފާއަށް ނުކުންނަން ފެށިއެވެ. ކަންކަން ބަދަލުވާން ފެށީ އެހިސާބުންނެވެ. ސާނީޒް ވަޒީފާއަށް ދަނީ ހިތަށް އެރިއްޔާއެވެ. ގިނައީ ނުދާ ދުވަސްދުވަހެވެ.

އެ އުޅުން ބަދަލުކުރުމަށް ޒާރިއާ ނަސޭހަތްދިނެވެ. އެހެނަސް ސާނީޒް ގަބޫލެއް ނުކުރިއެވެ. ސާނީޒްގެ ރުޅިގަޑު އަނެއްކާވެސް ފެންނަންފެށިއެވެ. ސާނީޒްގެ އަމިއްލަ ކަންކަމަށް ޒާރިއާގެ އަތުން ފައިސާ ހޯދަން ފެށިއެވެ. ރުޅިއައިސް ޒުވާބް ކޮށްފާނެތީ ބުނިވަރަކަށް ދެނީއެވެ. ޒާރިއާ އަތުން ބޭނުންވަރަކަށް ފައިސާ ލިބޭތީ ސާނިޒް ވަޒީފާއަށް ދިއުންވެސް ހުއްޓާލިއެވެ. ޒާރިއާ އާއި ހަސީނާ ވެސް ސާނީޒްއަށް ވަޒީފާއަކަށް ދިޔުމަށް ވަރަށް ނަސޭހަތްދިނެވެ. އެހެނަސް ސާނީޒްދިނީ ބީރުކަންފަތެކެވެ. މާގިނައިން ވަޒީފާގެ ވާހަކަ ދައްކާތީ ސާނީޒްގެ ރުޅިގަޑު މައިތިރިނުވެ ގޮސް އަތްވެސް އިސްކުރަން ފެށިއެވެ. ޒާރިއާ ކެތްތެރިވިއެވެ. ސާނީޒް ރަނގަޅު ވާނެޔޭ ޒާރިއާގެ ހިތްބުނަމުން ދިޔައީމައެވެ. އާއިލާ މީހުންނާ އެއިން އެއްވެސް ކަމެއް ހިއްސާ ނުކޮށް ޒާރިއާ ކެތްތެރިވީ އަލަތު ކައިވެނި ރޫޅާލަން ބޭނުންނުވާތީއެވެ.

ދުވަހަކަށްވުރެ ދުވަހެއް ޒާރިއާ އަތުން ސާނީޒް ހޯދާ ފައިސާގެ އަދަދު މަތިވާންފެށުމުން އެކަމާ ޒާރިއާ ދެކޮޅު ހެދިއެވެ. ރުޅިއިސްކޮށް ކޮންމެކަމެއް ކުރިޔަސް ވަރިހަމަ ކޮށްލާފައެވެ. ޒާރިއާގެ އަތުން ފައިސާނުލިބޭން ފެށުމުން ސާނީޒް ބޮޑުކަންނެއްޔަށް ދާންފެށިއެވެ. އެހިސާބުން އަނެއްކާވެސް ސާނީޒް ރަނގަޅުވީއޭ ޒާރިއާގެހިތް ބުނަމުން ދިޔައެވެ. މިކަމާ ޒާރިއާވެސް ހަސީނާވެސް އުފާކުރިއެވެ. އެހެނަސް އޮފީހުގަ ސާނީޒްއޭ ކިޔައިގެން ދެއްކި ވާހަކަތަކާމެދު ޒާރިއާއަށް ވިސްނަން މަޖުބޫރުވިއެވެ. ޒާރިއާއަށް ނޭގި ސާނީޒް އެފަދަ އަމަލެއް ކޮށްފާނެކަމަށް ހަމަ ހީނުވަނީއެވެ. އިނދެގެން މިވީހާ ދުވަހުވެސް އެފަދަ ޝައްކުވާ ކަމެއް ފެނިފައިވެސް ނުވާތީއެވެ. އެހެން މީހުންގެ ވާހަކަތަކަށް ޒާރިއާ ދިނީ ބީރުކަންފަތެކެވެ.

ޒާރިއާ އިތުރަށް ކިޔަވަން ބޭނުންވާތީ ޑިގުރީއަށް ކިޔަވަން ފެށިއެވެ. ޒާރިއާގެ ކްލާސްތައް އޮތީ އޮންލައިންކޮށެވެ. އެހެނަސް ޓެސްޓް ހެދުމަށް ޖެހެނީ މާލެދާށެވެ. ސާނީޒްވެސް އެގޮތާ އެއްބަސްވިއެވެ. ކޯހުގެ ކިޔެވުމަށް ސާނީޒްގެ އެއްބާރުލުން ބޭނުންވިވަރަށް ލިބުނެވެ. އެއްދުވަހަކު ޓެސްޓަށް މާލެއައިސް ހުއްޓާ ނުދަންނަ ނަމްބަރަކުން މެސެޖު ކުރަން ފެށިއެވެ. "ހަމަ ހެވިފަ ހުންނަނީދޯ ފިރިމީހާ ބޮއެގެން ދެމިފަ އޮންނައިރުވެސް.." ޒާރިއާ ވަގުތުން އެ ނަމްބަރަށް ގުޅިއެވެ. ގެކަރި މީހެކެވެ. ސާނީޒްގެ ވަރަށްގިނަ ވާހަކަ އެމީހާ ކިޔައިދިނެވެ. އެއިންއެއްވެސް ކަމެއް ޒާރިއާއަށް އެގިފައި ނުވާތީ ހައިރާންވިއެވެ. ފޯން ބާއްވާފައި އެވާހަކަތަކާމެދު ޒާރިއާ ވިސްނާލިއެވެ.

ރަށަށް އާދެވުމުން ޒާރިއާ އެކަމާ ގުޅޭގޮތުން ސުވާލު ކުރިއެވެ. އެސުވާލުތަކަށް ޖަވާބުދޭން ބޭނުންނުވާ ކަމަށާއި ދެން އެކަހަލަ ސުވާލެއް ކޮށްގެންވެސް ނުވާނެކަމަށް ސާނީޒް ބުނަމުން ދިޔައެވެ. އަދި ޝަކުވކުރަނީ ކަމަށްބުނެ އަތްއިސްކުރަން ފެށިއެވެ. މޫނުމަތީ ޖެހުމާއި ބޮލުގައި ހިފުން ކަހަލަ ކަންކަން ކުރަންފެށިއެވެ. ނަމަވެސް ކޮންމެ ރެއަކު ނިދަންވުމުން ސާނީޒް މާފަށްއެދި ލޯބިން ވާހަކަދައްކައެވެ. ސާނިޒްއަށް މަޢާފްކުރަން ޒާރީއަށް ފަސޭހައެއްނޫނެވެ. އެއަތުން ކުރާއަނިޔާތަކުން ހިތުގައި ޖެހިފައިވާ ލަކުނު އެއަށްވުރެ ގިނައެވެ.

ސާނީޒްގެ މަންމަ ހަސީނާ ބަލިވެ އިންޑިއާއަށް ދާންޖެހުނެވެ. ހަސީނާ ބޭނުންވީ މި ދަތުރު ޒާރިއާގެންދިއުމަށެވެ. ސާނިޒްއާއެކު އެކަނި ދާން ބޭނުންނުވާތީއެވެ. އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަމެއްގައި އުޅުންޖެހުނީ ޒާރިއާއެވެ. ދުވާލު ހަތަރުދަމު ސާނިޒް އޮންނަނީ ނިދާފައެވެ. ނިދާ ހޭލާގޮތަށް ބޭރަށްދާމީހާ ގެއަށް އަންނަނީ ޒާރިއާ ނިދާފަހުންނެވެ. އުޅޭތަނެއް ޒާރިއާމެން ކައިރީ ނުބުނެއެވެ. ތަކުރާރުކޮށް ކޮންމެ ދުވަހަކުވެސް އެގޮތަށް ކަންތަށް ކުރާތީ ޒާރިއާ އެކަމާ އެއްޗެކޭ ބުނުމުން ސާނީޒް ރުޅިއައިސް ހަސީނާގެ ކުރިމަތީ އަތްއިސްކުރަން ފެށިއެވެ. ނޭފަތުން ލޭ އަންނަވަރަށް އަނގަމަތީ ޖެހިއެވެ. ހަސީނާއަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. އަބިމީހާއަށް އަނިޔާ ނުކުރުމަށް ތަކުރާރުކޮށް ބުނަމުންދިޔައެވެ. ސާނީޒް އެއްޗެކޭ ނުބުނެ ރުޅިއައިސް ގެއިން ނުކުމެގެން ދަނީއެވެ. ސާނީޒް ނުކުމެގެން ދިޔުމުން ހަސީނާ ޒާރިއާ ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލަމުން ނޭފަތުން ފައިބަމުންދިޔަ ލޭތަށް ސާފްކޮށްދިނެވެ. ކަރުނަތަށް ފުހެލަމުން ހަސީނާ ކައިރީ ސާނީޒްގެ އަނިޔާވެރިކަމުގެ ވާހަކަ ޒާރިއާ ކިޔައިދިނެވެ. މީހުން ސާނީޒްއާއި ބެހޭގޮތުން ދައްކާ ވާހަކަތަށްވެސް ކިޔައިދިނެވެ. ހަސީނާ ވަރަށް ރުއިއެވެ. އެފަދަ ދަށު ދަރަޖައަކަށް ދަރިފުޅު ވެއްޓުނީތީއެވެ. ހަސީނާ ލަފާދިނީ ޒާރިއާއަށް ފެންނަ ރަނގަޅުގޮތެއް ނިންމުމަށެވެ. ސާނިޒްގެ އަނިޔާތަކަށް ޒާރިޔާ ކެތްކޮއްގެން ހުރުމުގެ ބޭނުމެއް ނެތްކަމަށް ވެސް ހަސީނާ ބުނަމުންދިޔައެވެ.

ހެނދުނު ސާނީޒް ހޮޓަލަށް އައިއިރު ޒާރިއާއާއި ހަސީނާ ހޮސްޕިޓަލްއަށްދާން ތައްޔާރުވަނީއެވެ. ސާނީޒް އަމުރުކުރީ ޒާރިއާ ކޮޓަރީގައި މަޑުކުރުމަށެވެ. މިކަމާ ޒާރިއާ ދެކޮޅުވުމުން ޒާރިއާއަށް އަނިޔާކޮށް އެނދުމައްޗަށް ވައްޓާލުމަށްފަހު ކޮޓަރި ބޭރުން ދޮރުގައި ތަޅުއެޅުވިއެވެ. އިރުކޮޅެއް ފަހުން ދޮރު ހުޅުވާފައި ސާނީޒް އަނެއްކާވެސް ކޮޓަރިއަށް ވަނީ ވޮލެޓް ބާއްވާފައި ނުކުމެވުނީމައެވެ. ހުޝިޔާރު ކަމާއެކު ޒާރިއާ ކޮޓަރިން ބޭރަށް ދެމިގަތެވެ. އަދި ދުވެފައި ހަސީނާ ކައިރިއަށް ދިޔައެވެ. ކޮޓަރިން ނުކުތް ސާނީޒް ކޮޓަރި ތަޅުލާފައި ހަސީނާ ގޮވައިގެން ބާޒާރަށްދިއައީ ޒާރިއާ ބަހައްޓާފައި އަނެއްކާވެސް ކޮޓަރި ދޮރުތަޅުލައި، ތަޅުދަނޑި ހިފައިގެންނެވެ. ޒާރިއާ ވަރަށް ހިތްދަތިވިއެވެ. ރާއްޖެއެއް ނޫނެވެ. ބީރައްޓެހި ގައުމަކަށް އަނބިމީހާ ދޫކޮށްފައިދާން ސާނީޒްއަށް ކެރުނުކަމެވެ. އަވަހަށް ނުކުންނަން އުޅުމުން ޒާރިއާއަށް ނުކުމެވުނީ ފޯނުވެސް ކޮޓަރީގައި ބާއްވާފައެވެ.

ބަޑުހައިވެފައިވާ ޒާރިއާ ކެތްތެރިކަމާއެކު ހޮޓެލްގެ ގޯތިތެރޭ ހައްދާފައިވާ ބަގީޗާގައި މަޑުކޮށްލައިގެން އިންއިރު ލޮލަށް ކަރުނަތަށް ޖަމާވަމުން ދިޔައެވެ. ހުއްޓުމެއްނެތި ލިބެމުންދާ ސާނީޒްގެ އަނިޔާތަކާމެދު ވިސްނެނީއެވެ. އެއާއެކު އާހިލްގެ މަތިން މާބޮޑަށް ހަނދާންވާން ފެށިއެވެ. އާހިލް ޒާރިއާގެ ހަޔާތަށް އައިނަމަ، މިފަދަ އަނިޔާވެރި ދިރިއުޅުމެއް އުޅޭކަށް ނުޖެހުނީހޭ ހިތަށްއެރިއެވެ. މިހިޔާލުތަކެއްގައި ޒާރިޔާ ވަރުބަލިވެގެން ގޮސް ދެލޯމެރުނެވެ.

ކުއްލިއަޖަށް ޒާރިއާ ސިހުނީ ހަސީނާ ގޮވާލި އަޑަށެވެ. އެއިރު އިރުއޮއްސެން ކައިރިވެއްޖެއެވެ. ސާނީޒްއެއް ނެތެވެ. ހަސީނާ ހޮޓެލްއަށްލާފައި ސާނީޒް ދިޔަތަނެއް ހަސީނާއަށް ވެސް ނޭގެއެވެ. ކަރުނުން ފުރިފައިވާ ލޮލަކުން ޒާރިއާ ހަސީނާއަށް ބަލާލިއެވެ. ޒާރިއާގެ ލޮލުންފޭބި ކަރުނަތަށް އޯގާތެރި ކަމާއެކު ހަސީނާ ފުހެލަދިނެވެ. އިންޑިއާގައި ހޭދަކުރި ދުވަސތަކުގައި ސާނީޒް އެއްފަހަރުވެސް ރުހުމުގައި ޒާރިއާއާ ވާހަކަ ނުދައްކައެވެ. ބުނަނީވެސް ކޮންމެހެން ބުނަންޖެހޭ އެއްޗެކެވެ. ޒާރިއާވެސް އިޙްތިޔާރުކުރީ އެގޮތެވެ. މި ދަތުރު ނިންމާ ރަށަށްއައިރު ޒާރިއާ އާއި ސާނީޒްގެ ގުޅުންވަނީ ވަރަށްބޮޑަށް ހީނަރުވެފައެވެ.

ރަށަށް އައިފަހުން ނުދަންނަ މީހުންނާ ދަންނަ މީހުންގެ ފޯނު ކޯލްތަށް ޒާރިއާއަށް ލިބުނެވެ. އިންޑިއާގައި އުޅުނުއިރު ކޮންމެރެއަކު ސާނީޒް ރާވިއްކާ ތަންތަނަށް ދިޔަވާހަކައެވެ. އެވާހަކަ ސާނީޒް ކައިރި އަހާލުމުން އެކަމާ ރުޅިއައިސް ސާނީޒް ޒާރިއާގެ އަނގައިގަ ބާރަށް ހިފިއެވެ. ވީތަދުން ޒާރިއާއަށް ރޮވުނެވެ. ޒާރިއާގެ ރުއިމުގެ އަޑަކަށް ސާނީޒްހިތައް އެއްވެސް އަސަރެއް ނުކުރިއެވެ. މިފަދަ އަނިޔާ ލިބެން ބޭނުންނޫންނަމަ އަނގަ މަޑުން ލައިގެން ހުރުމަށް ސާނީޒް ޒާރިއާއަށް އިންޒާރުދިނެވެ. ޒާރިއާ ދޫކޮށްލުމަށް އެދި އާދޭސް ކުރިއެވެ. ސާނީޒް ޒާރިއާގެ އަނގަމަތިން އަތް ދޫކޮށްލިއިރު ތުންފަތް ކައިރިން ލޭއާދެއެވެ. ސާނީޒް ކޮޓަރިން ނުކުމެގެން ދިޔުމުން ޒާރިއާއަށް ރޯން އޮވެވުނީއެވެ.

މި ދުވަހަށްފަހު ޒާރިއާ ސާނީޒްއަށް ފާރަލާން ފެށިއެވެ. ސާނީޒް ގޭގައިނޫޅޭ ވަގުތުތަކުގައި ކޮޓަރިން އެޒާތުގެ އެއްވެސް އެއްޗެއް ފެނޭތޯ ބަލަންފެށިއެވެ. ބަންދުދުވަހަކަށް ވުމުން ކޮޓަރި ސާފުކުރި ދުވަހެކެވެ. އެނދުގެ ބެޑްޝީޓާ ބާލިސް އުރަ ބަދަލުކުރަން ބާލީހުގެ އުރަ ނެއްޓިވަގުތު ޒާރިއާގެ އަތުގައި ޖެހުނީ ރަބަރުފާޑުގެ އެއްޗެކެވެ. ރަނގަޅަށް ބެލިއިރު ހުދުކުލައިގެ ކުނޑިތަކެއްހުރި ޕެކެޓުތަކެކެވެ. އެ ނަގައިގެން ބަލަން ހުއްޓައި ސާނީޒްގެ ދޮންތަ އާތިކާ ކޮޓަރިއަށްވަނީ އެއްވެސް އިޝާރާތެއްނުކޮށެވެ. ސިއްސައިގެންގޮސް ޒާރިއާއަށް ވަގުތުން އަތުގައިހުރި ޕެކެޓުތަކާއެކު ފުރަގަހަށް ދެއަތް ގެންގޮސް ފާރުގައި ލައްވެގަތެވެ. ޒާރިއާކަމެއް ސިއްރުކުރާހެން އާތިކާއަށް ޝައްކުވެގެން ސުވާލުކޮށް ފުރަގަހުގައި އޮތް ދެއަތް ބެލިއެވެ. އާތިކާއަށް ހައިރާންވެގެން ދެލޯ ބޮޑުކޮށްގެން ހުރެ އަނގަމަތީ އަތްއެޅުނެވެ. އާތިކާ ވަގުތުން ހަސީނާއަށްގޮވާ އެ ޚަބަރުދިނެވެ. އާތިކާ ބޭނުންވީ ޕޮލިހަށް އެންގުމަށެވެ. އެންގުމަށެވެ. ޒާރިއާ ވިސްނާލިއެވެ. އެއިރުން ފިރިމީހާ ދާން ޖެހޭނީ ޖަލަށެވެ. ޒާރިއާ އެކަނިވެރިވާނެއެވެ. އެހެނަސް ދެވަނަ ސިކުންތުގައި ޒާރިއާގެ ހިތް ބުނަމުން ދިޔައީ ސާނިޒްގެ އަނިޔާތަކުން މިންޖުވެވިދާނެކަމެވެ. ފިރިމީހާ ގެއްލުނަސް އަނިޔާވެރި ފިރިއެއްގެ ކައިރިން ސަލާމަތްވުންވެސް މާ ރަނގަޅު ކަމަށްނިންމިއެވެ.

ޕޮލިހުން އައިސް ސާނިޒްގެގޭ މީހުން ބަޔާންނެގިއެވެ. އަދި ސާނިޒް ގެންދިޔަ ވަގުތު ޒާރިއާއަށް ނިސްބަތްކޮށް ބުންޏެވެ. "ދޫކޮށްލާ ދުވަހަކުން ކަލޭ.. ނުކުޅެދޭ މީހަކަށް ހަދާލާނަން...
ސާނީޒުގެ އެ ވިހަގަދަ އިންޒާރަށް ޒާރިއާ ބިރެއް ނުގަނެއެވެ. ދެފަރާތުގެ އާއިލާގެ ފަރާތުން ޒާރިއާއަށް ހިތްވަރު ލިބުނެވެ. އެންމެންވެސް ނަސޭހަތްދިނީ ސާނީޒްއާއި ވަކިވުމަށެވެ. ޒާރިއާ ހިތްވަރާއެކު ވަރިވުމަށް އެދި ކޯޓަށް ފޯރމު ހުށައެޅިއެވެ. އަދި ޒާރިއާގެ ދިރިއުޅުން މައިންބަފައިންގެ ގެއަށް ބަދަލުކުރިއެވެ.
ދުވަސްތަކަކަށް ފަހު ސާނިޒް ރަށުބަންދަށް ދޫކުރިއެވެ. އެހިސާބުން ސާނީޒުގެ އުނދަގޫ ޒާރިއާއަށް އަނެއްކާވެސް ފޯރަން ފެށިއެވެ. މަގުމަތިން ދިމާކުރަންފެށިއެވެ. އެކިކަހަލަ އިނޒާރުވެސް ދޭން ފެށިއެވެ. ސާނީޒްގެ އެއަމަލްތަކަށް ޒާރިއާ އެއްވެސް ބަހެއް ނުބުނެއެވެ. ކެތްތެރިވިއެވެ.

އެއްރެއަކު ޒާރިއާއަށް ހޭލެވުނީ ކޮޓަރިތެރެއިން އަޑެއް އިވިގެންނެވެ. ކުޑަދޮރު ކައިރީ ހުރި ސާނީޒް ފެނިފައި ޒާރީއާގެ ނިދިވެސް ފިލައިގެންދިއައެވެ. ސިއްސައިގެން ގޮސް ކޮޅަށް ޖެހެވުނެވެ. ސާނީޒްގެ އަތުގައި ދަނގަޑު ހޮޅިއެއް އޮތެވެ. ގަތްބިރުން ޒާރިއާ ހަޅެއްލައްވަން ހުޅުވާލި އަނގަމަތީ ސާނިޒްއަތް އެޅިއެވެ. ހަމަ އެހިނދު ޒާރިއާގެ ކޮޑުގައި ހޮޅިބުރިންޖަހާ ވައްޓާލިއެވެ. އެއަށްފަހު ސާނިޒް ޒާރިއާއަށް އަނިޔާކުރިއެވެ. ޒާރިއާގެ ވޭނީ ހަޅޭކުގެ އަޑަށް ނިދިފައިއޮތް ސަހުމާ ދުވެފައި އައިސް ކޮޓަރިއަށްވަނެވެ. ލޯމައްޗަށް ފުސްވެގެން ގޮސް ޒާރިއާހެއަށް ގޮތެއްވިއެވެ. ޒާރިއާއޮތްހާލު ފެނި ސަހުމާގެ ބަޑިފަޅައިގެން ދިޔައެވެ. ނިދިފައިތިބި ގޭއެންމެން އެއަޑަށް ހޭލެވި އެ ކޮޓަރިއަށް ޖަމާވިއެވެ.

ޒާރިއާ ހޮސްޕިޓަލަށް ގެންގޮސް އެމަރޖެންސީގައި ފަރުވާފެށިއެވެ. ހަމަ އެރޭ ޒާރިއާއަށް އަނިޔާކުރިކަމުގެ ކުށުގައި ސާނީޒް ހައްޔަރުކުރިއެވެ. ޒާރިއާ ކަނާތުގެ ކޮނޑުހުޅު ބިންދައިގެންގޮސްފަވާތީ އޮޕަރޭޝަނެއް ކުރަންޖެހުނެވެ. ޒާރިއާއަށް ލިބިފައިހުރި އަނިޔާތަކަށް ފަރުވާދިނުމަށްފަހު ހަފްތާއެއްފަހުން ހޮސްޕިޓަލުން ގެއަށް ދޫކޮށްލިއެވެ.
ޒާރިއާއަށް ޖެހުނީ އޮފީހަށް ނުގޮސް އެނދުމަތިވެގެން ގޭގައި އޮންނާށެވެ. ކޯހުގެ ޓެސްޓު ދުވަސްކޮޅު ބޯމަތިވީވެސް ހަމަ އެދުވަސްކޮޅުއެވެ. ޒާރީއާ އިތުރު ހިތްވަރާއެކު އެހާލުގައި ވެސް ކިޔަވަން މަސައްކަތްކުރިއެވެ. ޒާރިއާށް ގޭ މީހުންގެ އެހީތެރިކަން ލިބުނެވެ. މި ހާލެއްގައި ޒާރިއާ އިމްތިހާނުވެސް ނިންމިއެވެ. ހިތްވަރާއެކު މިހުރިހާ ކަމަކާ ކުރިމަތިލިއެވެ. ﷲގެ އިރާދަފުޅުން ޒާރިއާއަށް ކޯސް ފުރިހަމަކޮށް ވަނަ ލިބުނެވެ.

ވަރިވުމަށްލީ ފޯރމަށް ވީގޮތެއް ނޭގި ގިނަދުވަސްވާން ފެށުމުން އެތަށް ފަހަރަކު ކޯޓަށް ދެވުނެވެ. ދެފަހަރަކު ކޯޓަށް ޒާރިއާ ހާޒިރުކޮށް ބަޔާން ނެގިއެވެ. ސާނިޒްގެ އަނިޔާތަކުން މިންޖުވެ، މިނިވަންވާނެ ދުވަހަކަށް ޒާރިއާ ހުރީ ކެތްމަދުވެފައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އިރުއަރާ މަންޒަރު ބަލަންހުރި ޒާރިއާ ސިހުނީ ފަހަތުން މީހަކު ކޮނޑުގައި އަތް ޖައްސާލުމުންނެވެ. ޒާރިއާ ސިހުނެވެ. އަތްޖައްސާލި ގޮތުން ޒާރިއާއަށް އިޙްސާސް ކުރެވުނީ އާހިލްއެވެ. ފަހަތް ބަލާލިއިރު ފަހަތުގައި ހުރީ މީކާއީލްއެވެ. މާޒީގެ ސަފްހާތަށް ލައްޕާލަމުން ޒާރިއާ މީކާއީލްއާއި ވާހަކަދައްކަން ފެށިއެވެ. ޒާރިއާގެ ކުޑައިރުގެ އެކުވެރިއެކެވެ. ވަޒީފާއަދާކުރަނީ ރަށު ކޯޓުގައެވެ. މިތަނަށްއައީ ޒާރިއާއަށް ހަދިޔާއެއް ދޭންވެގެން ޒާރިއާގެ ގެއަށް ވަންނަނިކޮށް މިތަނުން ފެނުނީމަ ކަމަށް ބުނެ ސިޓީ އުރައެއް ދިއްކޮށްލިއެވެ. އަތުގައި ޕުލާސްޓަރު އަޅާފަ އޮތުމުން މީކާއީލް ޒާރިއާގެ އެދުމަށް އެ ކަޑާލަދިނެވެ. ކޯޓަށް ހާޒިރުވުމަށް ފޮނުވާފައިވާ ޗިޓެކެވެ. ޒާރިއާގެ މޫނުމަތިން އުޖާލާކަން ފެނުނެވެ. އުފަލުން ހަޅޭއްލަވައިގަންނަންވެސް ބޭނުންވިއެވެ. އެހެނަސް މީކާއީލްގެ ކުރިމަތީ އެކަންކުރާކާށް ނުކެރުނެވެ. ހިނިތުންވެލަމުން މިއަދު އޮފިސް އަވަހަށް ހުޅުވި ދުވަހެއްހޭ އަހާލިއެވެ. މީކާއީލް ގަޑި ދައްކާލިއެވެ. އޭރު ގަޑިން އަށެއްޖަހާ ބޮޑުވެއްޖެއެވެ. ޒާރިއާއަށް އެތަނުގައި ހުރެވުނު ވަގުތު އިހްސާސް ކުރެވުނީ އެވަގުތުއެވެ. މީކާއީލްގެ ފަރާތުން ސާނީޒްގެ ޚަބަރު ލިބުނެވެ. މަސްތުވާތަކެތީގެ ކުށުގަ އާއި ޒާރިއާއަށް އަނިޔާކުރިކަމުގެ ކުށުގައި ސާނީޒް 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ޚަބަރެވެ.

ޖެހިގެންއައިދުވަހު ޒާރިއާ ކޯޓުން ނުކުތީ ސާނިޒްގެ އަނިޔާތަކުން ސަލާމަތްވެ މިނިވަންވެގެންނެވެ. ސާނިޒް ޒާރިއާ ވަރިކޮށްނުދިނުމުން ތަފްރީގު ވަރިއަކުން ގާޒީ ވަރިނަގައިދިނެވެ. މިއަދު ޒާރިއާ އެ އަނިޔާތަކުން މިންޖުވެފައި ހުއްޓަސް އެ ޒަހަމްތައް ހިތުން ފިލައިގެން ނުދެއެވެ.
-ނިމުނީ-

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ އާޠިކާ އިބްރާހީމް އެވެ. ވާހަކަ ހުށައަޅަދިނީ ޒުހުރާއިސްމާޢީލް,ތިބްރޯޒްގެ/ގދ.މަޑަވެލި އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 09 ރަމަޟާން 1443 އެވެ.