ކުޅިވަރު

ބާސާއިން ލެވަންޑޯސްކީއަށް ތިން އަހަރުގެ އެއްބަސްވުމެއް


ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް ސްޕެއިންގެ ބާސެލޯނާއިން ތިން އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 33 އަހަރުގެ ފޯވާޑް ބަޔާނާއެކު ހަދާފައިވާ އެއްބަސްވުން އައު ނުކުރާނެކަން އެ ކުލަބަށް ވަނީ އަންގައިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލެވަންޑޯސްކީ ވަނީ ބަޔާންގެ ސީއީއޯ އޮލިވާ ހާންއަށް މި ސީޒަނަށްފަހު ކުލަބް ބަދަލުވާން ބޭނުންވާކަން އަންގައިފައެވެ. އަދި ބަޔާން ދޫކޮށްލާނަމަ ލެވަންޑޯސްކީ ދެން ކުޅެން ބޭނުންވާ ކުލަބަކީ ބާސާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ދެ އަހަރު ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާއަށް ދޭ ފީފާ ދި ބެސްޓް އެވޯޑް ހާސިލްކުރި ލެވަންޑޯސްކީ ބާސާއަށް ގެންދާން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒްއެވެ. އަދި ލެވަންޑޯސްކީ ބާސާއަށް ބަދަލުވެއްޖެނަމަ އެ ޓީމުގެ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ދޫކޮށްލާނެއެވެ.

ލެވަންޑޯސްކީ ވަނީ މި ސީޒަނުގައި މިހާތަނަށް 40 މެޗުން 46 ލަނޑު ބަޔާންއަށް ކާމިޔާބުކޮށްދީފައެވެ.

ބަޔާން ދޫކޮށް ލެވަންޑޯސްކީ އެހެން ޓީމަކަށް ބަދަލުވެއްޖެނަމަ އެޓީމުން ގެންނަން މަސައްކަތްކުރާނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑްއެވެ. އެކަމަކު ހާލަންޑޯ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑްގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގު ކްލަބްތައް ވެސް ހިމެނެއެވެ.