ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ހަޔަރ އެޑިއުކޭޝަން ދަރިވަރުންނަށް ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މިއަހަރު ބާއްވަން ނިންމައިފިއެވެ.
މި މުބާރާތަކީ 2013 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެކަމަކު ކޮވިޑުގެ ހާލަތާއެކު ފާއިތުވެދިޔަ ދެ އަހަރު މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.
މި މުބާރާތް ކުރިއަށް ގެންދާނީ އެމް.އެން.ޔޫގެ ފެކަލްޓީ/ސެންޓަރުތަކަށާއި، އެހެނިހެން ކޮލެޖު/ޔުނިވަރސިޓީތަކުގެ އިތުރުން ހައި ސްކޫލްތަކަށެވެ. އެމްއެންޔޫއެސްޔޫއިން ބުނީ މި މުބާރާތް މިއަހަރު ކުރިއަށް ގެންދާން ނިންމީ ކޮވިޑުގެ ހާލަތުން އަރައިގަނެވުމާއެކުގައި ކަމަށާއި، މުބާރާތް ބާއްވާނެ ތާރީޚު ފަހުން އިއުލާން ކުރާނެ ކަމަށެވެ.
އެމްއެންޔޫއެސްޔޫއިން 2018 ވަނަ އަހަރުން ފެށިގެން މި މުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެންނެވެ. އެންމެ ފަހުން 2019 ވަނަ އަހަރު މި މުބާރާތް ބޭއްވިއިރު، އެފަހަރުގެ މުބާރާތުގައި އަންހެން 12 ޓީމާއި ފިރިހެން 15 ޓީމުން ވަނީ ބައިވެރިވެފައެވެ. އެ ފަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެވިޑުން ހޯދިއިރު އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފައި ވަނީ އެމްއައި ކޮލެޖެވެ.