ކިރްގިސްތާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ކިރްގިސްތާން އަތުންވެސް ރާއްޖޭގެ ފުޓްސަލް ޓީމު ބަލިވެއްޖެއެވެ.
މި މެޗުން ރާއްޖެ ބަލިވީ 7-1 ގެ ނަތީޖާއަކުންނެވެ،
މެޗުގެ ފުރަތަމަ ހާފުގައި ކިރްގިސްތާނުން ވަނީ ތިން ލަނޑު ޖަހައިފައެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ އިސަބެކޯފް އިތުރުން ޑޮލޮޓްކެލްޑިއޭފާއި ޒޯލްޑުބައޭފްއެވެ.
ދެވަަނަ ހާފުގައި ކިރްގިސްތާނުން ވަނީ ހަތަރު ލަނޑު ޖަހައިފައެވެ. ޑޮލޮޓްކެލްޑިއޭފް އޭނާގެ ދެ ވަނަ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ އަބްދީޒިޔަލިލް އޫލޫ އާއި ދާނިއާރް އޫލޫގެ އިތުރުން ރާއްޖޭގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ރާއްޖޭން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ހުސެއިން ޝަރީފް (އޮންލީ)އެވެ.
މި މެޗުގައި ރާއްޖެ ޓީމުގެ އަލީ ހާފިޒް (ހާއްޕެ) އާއި އަބްދުﷲ ޝަފްއާން (ޝާކާ) އާއި އޮންލީގެ އިތުރުން އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެކަމަކު ކިރްގިސްތާނުގެ ކީޕަރު ވަނީ ރާއްޖޭން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.
ރާއްޖޭން ކޮލިފިކޭޝަނުގައި ކުޅުނު ފުރަތަމަ މެޗުން އީރާން އަތުން ބަލިވީ 17-0 ގެ ނަތީޖާއަކުންނެވެ. ކޮލިފިކޭޝަނުގެ ފަހު މެޗުގައި އަންގާރަ ދުވަހު ހަވީރު ރާއްޖޭން ނުކުންނާނީ ތުރުކުމެނިސްތާނާ ދެކޮޅަށެވެ.