ކުޅިވަރު

ދިވެހި ސިފައިންގެ ކުލަބާއި އީގަލްސްގެ ކުރިމަތިލުން އެއްވަރު


މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ހޯމަ ދުވަހު ހަވީރު ކުޅުނު މެޗުން ކްލަބް އީގަލްސް އާއި ދިވެހި ސިފައިންގެ ކްލަބް އެއްވަރުވެއްޖެއެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ސިފައިންގެ ޓީމުންނެވެ. އެ ގޮތުން އެ ޓީމުގެ އަހުމަދު ޝާމިން ޖެހިލަނޑުން ލީޑުނެގިއެވެ. ލަސްނުވެ ސިފައިންގެ ޓީމުން ދެ ވަނަ ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބުކުރިއެވެ. ސިފައިންގެ ޓީމަށް ލީޑުފުޅާކޮށްދިނީ އަފްރާހު އިބްރާހިމްއެވެ.

އީގަލްސް އިން ހިތްވަރު އެލުވާނުލައި ކުޅެ، މެޗުގެ ފަހު 10 މިނިޓް ތެރޭ ދެ ލަނޑު ޖަހައި، ނަތީޖާަ ހަމަހަމަކުރިއެވެ. އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އީގަލްސް ޓީމުގެ އިބްރާހިމް އާރިފްއެވެ.

ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ
ނެސްލޭ ކުންފުނީގެ މައިލޯ އެވެ. މުބާރާތް ކުރިއަށްދަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.

މުބާރާތުގައި އަންގާރަ ދުވަހުގެ ހަވީރު 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ޕޮލިހާއި ހުޅުމާލެ ވެޓެރަންސްއެވެ.