ޚަބަރު

މެޚްރޮންނާއި ލު ޕޭނުގެ ގަދަހިފުމަކަށް


ރިޔާސީ ދެވަނަ ދަޢުރެއް ކާމިޔާބުކުރެއްވުމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮންގެ ކެންޕޭން ވަރުގަދަކުރައްވައިފިއެވެ.

ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މެޚްރޮންނަށް ލިބިވަޑައިގެންފައިވަނީ %27.41 ވޯޓެވެ. އަދި އޭނާގެ އެންމެ ބޮޑު ވާދަވެރިޔާކަމަށްވާ ކަނާތު ފިޔައިގެ ސިޔާސީވެރިޔާ މަރީން ލު ޕޭންނަށް ލިބިވަޑައިގެންފައިވަނީ %24.03 ވޯޓެވެ. އެހެންކަމުން އޭޕުރިލް މަހުގެ 24ވަނަ ދުވަހު ބާއްވައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ މެޚްރޮންނާއި ލު ޕޭނެވެ.

ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނަގަމުންދާ ޚިޔާލުހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި މެޚްރޮންނާއި ލު ޕޭންނާ ދެމެދު އޮންނަ ފަރަޤުވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެ ގޮތުން ބައެއް ޚިޔާލުހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި ދެވަނަ ބުރުގައި މެޚްރޮންނަށް ލިބިވަޑައިގަންނަވާނީ %51 ވޯޓެވެ. ނަމަވެސް ޚިޔާލުހޯދުމުގެ އެހެން ވޯޓުތަކުން ދައްކާގޮތުގައި އޭނާއަށް %54 ވޯޓު ލިބިވަޑައިގަންނަވާނެއެވެ. އެހެންކަމުން މެޚްރޮންނަށް ވެރިކަން ދިފާޢުނުކުރެއްވިދާނެކަމުގެ ފުރުޞަތުވަނީ ބޮޑުވެފައެވެ.

ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ކުރިން ލު ޕެންވަނީ ވަރުގަދަ ކެންޕޭނުތަކެއް ކުރައްވައިފައެވެ. ޚާއްޞަ ގޮތެއްގައި ފަރަންސޭސިވިލާތުގެ ކުދި ފަންތިއާއި މެދު ފަންތީގެ ޢާއިލާތަކުގެ ތާޢީދު އޭނާވަނީ ހޯއްދަވައިފައެވެ. ނަމަވެސް އިންތިޚާބަށް ތައްޔާރުވެވަޑައިގެންނެވުމުގެ ބަދަލުގައި މެޚްރޮން އެންމެ ބޮޑު އިސްކަމެއްދެއްވީ ޔޫކްރެއިނުގެ މައްސަލަ ޙައްލުކުރެއްވުމަށެވެ. އެ ގޮތުން ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދިނުމުގެ ކުޑަދުވަސްކޮޅެއްކުރިން މެޚްރޮންވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެން އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިންނާ ބައްދަލުކުރައްވައި ޞުލްޙަ ޤާއިމުކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ހަނގުރާމަ ފެށުނުފަހުންވެސް އޭނާވަނީ އެކި ފަހަރުމަތިން ތެލެފޯނުން ޕުޓިންނާ މަޝްވަރާކުރައްވައިފައެވެ. އޭގެ އިތުރުން އޭނާވަނީ ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުގައިވެސް މުޙިއްމު ދަޢުރެއް ޢަދާކުރައްވައިފައެވެ.

2017ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ވާދަކުރެއްވީ މެޚްރޮންނާއި ލު ޕެންނެވެ. އެ ފަހަރު މެޚްރޮން އިންތިޚާބު ކާމިޔާބުކުރެއްވީ %66 ވޯޓުންނެވެ.