ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގެ އޯޕަން ޓޭޕް ބޯލް މުބާރާތުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗުތަކުން މޮޅުވެ، ސަންކުއިކް ލިލީ އެއްވަނައިގައި އޮތްއިރު، ދެވަނަ މަގާމު އައިބީއެސްއިން ހޯދައިފިއެވެ.
މީޓިއޯސްއާ ވާދަކޮށް ސަންކުއިކް ލިލީ މޮޅުވީ ހަ ވިކެޓުންނެވެ. އަދި އައިބީއެސް އިން ވަނީ ސުގަ ކޯން ހަ ވިކެޓުން ބަލިކޮށްފަ އެވެ.
ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި މީޓިއޯސްއަށް ޓޮސް ދިމާވުމުން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހެދުނީ 112 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 42 ލަނޑު ހެދި އަލީ ނިހާދާއި 30 ލަނޑު ހެދި އިބްރާހިމް އަލީ އެވެ.
ޖަވާބުގައި ކުޅެން އަރައި، ސަންކުއިކް ލިލީން ވަނީ 5.4 އޯވަރުގެ ތެރޭގައި އެއް ވިކެޓަށް 114 ލަނޑު ހަމަކޮށް، މެޗުން މޮޅުވެފަ އެވެ. ސަންކުއިކް ލިލީން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ލަނޑު ހެދި ޔޫސުފް އަޒްޔާން ފަރުހަތާއި 33 ލަނޑު ހެދި މުހައްމަދު ރިޝްވާނެވެ.
އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ދެ ވަނަ މެޗުގެ ޓޯސް ދިމާވުމުން ޝުގަކޯން ކުޅެން އަރައި، އަށް އޯވަރު ނިމުނުއިރު، ތިން ވިކެޓަށް ހެދުނީ 105 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި މުހައްމަދު އާމިރާއި 13 ލަނޑު ހެދި އަހުމަދު އާމިރު އެވެ. ޖަވާބުގައި އައިބީއެސް ކުޅެން އަރައި، 6.4 އޯވަރުގެ ތެރޭގައި އެއް ވިކެޓަށް ވަނީ 106 ލަނޑު ހަދައި މެޗުން މޮޅުވެފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 32 ލަނޑު ހެދި މަހުމޫދު ރިޔާޒާއި 20 ލަނޑު ހެދި އަހުމަދު މުނާޒެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއް ވަނައިގައި ސަންކުއިކް ލިލީ އޮތީ ތިން މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދައިގެންނެވެ. އައިބީއެސް އަށް ދެ ވަނަ ލިބެނީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދުމުންނެވެ. މީޓިއޯސް ތިން ވަނައިގައި އޮތީ ތިން މެޗުން ދެ ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ޝުގަކޯން މެޗަކުން މޮޅެއްނުވެ އެވެ.