ކުޅިވަރު

ޓޮރީނޯއާ އެއްވަރުވެ މިލާނުން ފުރުސަތު ނަގާލައިފި


އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ޓޮރީނޯއާ އެއްވަރުވެ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރުމަށް އޭސީ މިލާނަށް ލިބިގެންދިޔަ ފުރުސަތު ގެއްލިއްޖެއެވެ.

ޓޮރީނޯގެ ދަނޑުގައި ކުޅުނު މި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މި މެޗްގައި މިލާނުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޓޮރީނޯގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. އަދި މިލާނަށް ޓޮރީނޯގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ. މި މެޗްގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ޓޮރީނޯއެވެ. އެގޮތުން އެންޑްރިއާ ބެލޮއްޓީ ވަނީ ނުރައްކާތެރި ދެ ހަމަލާއެއް މިލާންގެ ގޯލަށް ފޮނުވާލާފައެވެ.

މި މެޗް އެއްވަރުވުމުން މިލާނަށް މިވަގުތު ޕޮއިންޓް ތާވަލުގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިފައިވީ ނަމަވެސް، މިލާނުން މިހާރު މިވަނީ ދެވަނައިގައި މިވަގުތު އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާނަށް ވުރެ އެއްމެޗް އިތުރަށް ކުޅެފައެވެ. މިލާނަށް މިހާރު 32 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. އަދި އިންޓަރއަށް 31 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ.

އަދި ތިންވަނައިގައި އޮތް ނަޕޯލީވަނީ ރޭ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އަތުން ބަލިވެފައެވެ. އެހެން ކަމުން އިންޓަރ މިހާރު ނުކުޅެ އޮތް މެޗް ކާމިޔާބުކޮށްފި ކަމަށްވާނަމަ، އެޓީމަށް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.