ކުޅިވަރު

ލެވާންޓޭ އަތުން ފަހު ވަގުތު ބާސާއަށް މޮޅެއް


ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ފަހު ވަގުތު ލެވާންޓޭ އަތުން ބާސެލޯނާ މޮޅުވެއްޖެއެވެ.

ލެވެންޓޭގެ ދަނޑުގައި ކުޅުނު މި މެޗް ބާސާ ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. މި މެޗްގައި ލެވެންޓޭއަށް ވަނީ ތިން ޕެނަލްޓީ ލިބިގެން ގޮސްފައެވެ. ނަމަވެސް އެ ޓީމަށް އޭގެތެރެއިން ކާމިޔާބު ކުރެވިފައިވަނީ ދެ ޕެނަލްޓީއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ލެވެންޓޭގެ ހޯޒޭ ލުއިސް މޮރާލޭސްއެވެ. އަދި އޭގެ ހަތަރު ވަނަ މިނެޓް ފަހުން ލެވެންޓޭއަށް ވަނީ ދެވަނަ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެ ޓީމްގެ ފޯވަޑް ރޮޖަރ ފޮނުވާލި ޕެނަލްޓީ ވަނީ ބާސާގެ ކީޕަރ މާރކް އެންޑްރޭ ޓަރ ސްޓޭގެން ދިފާއުކޮށްފައެވެ.

މި ޕެނަލްޓީ މަތަކުރެވުން ވެގެންދިޔައީ މެޗްގެ އޮއެވަރު ބާސާކޮޅަށް ޖެހި ސަބަބެއްކަމަށެވެ. އެގޮތުން މި ޕެނަލްޓީ މަތަކުރިތާ ތިން މިނެޓް ފަހުން ބާސާގެ ޕިއޭ އެމެރިކް އައުބެމެޔާންގ ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗްގެ 63 ވަނަ މިނެޓްގައި ބާސާއަށް މި މެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނަގާދިނީ ޕެޑްރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިމެޗްގައި ލެވެންޓޭއިން މެޗްގެ ނަތީޖާ ހަމަކުރީ މެޗްގެ 83 ވަނަ މިނެޓްގައި އެ ޓީމަށް ލިބިގެންދިޔަ ތިންވަނަ ޕެނަލްޓީއިންނެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ގޮންޒާލޯ މެލޭރޯއެވެ. ނަމަވެސް މިމެޗުން ބާސާ މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފްރޭންކް ޑި ޔޮންއެވެ.

މި ކަމިޔާބީއާއެކު ބާސާ މިހާރު ވަނީ ކުޅުނު 30 މެޗުން ލިބިފައިވާ 60 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް އަނެއްކާވެސް އަރާފައެވެ. އަދި ލެވެންޓޭ އުޅެނީ 22 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.