އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި ތާވަލުގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީ އާއި ތާވަލުގެ ދެވަނައިގައި އުޅޭ ލިވަޕޫލްގެ ކުރިމަތިލުން އެއްވަރު ވެގެން ނިމިއްޖެއެވެ.
އާދީއްތަ ދުވަހުގެރޭ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓްގައި ކެވިން ޑި ބްރުއިނަރ ޖަހާދިން ލަނޑުން ސިޓީ މި މެޗްގެ ލީޑު ނެގިއެވެ. ނަމަވެސް ސިޓީއަށް މިލީޑު ދެމެހެއްޓޭ ވަރުވީ އަށް މިނެޓްވަންދެނެވެ. މެޗްގެ 13 ވަނަ މިނެޓްގައި ލިވަޕޫލުން އުފެއްދި ހަމަލާއެއްގައި ޑިއޮގޯ ޖޮޓާވަނީ މެޗްގެ ނަތީޖަ ހަމަހަމަކޮށްދީފައެވެ.
މިމެޗްގައި ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގާދިނީ މެޗްގެ 37 ވަނަ މިނެޓްގައި ގެބްރިއެލް ޖޭސުސްއެވެ. މީގެއިތުރުންވެސް މެޗްގެ ފުރަތަމަ ހާފްގައި ސިޓީއިންވަނި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެއިން އެވެސް ފުރުސަތެއް ލަނޑަކަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ.
މިމެޗްގައި ލިވަޕޫލުން ދެވަނަ ފަހަރަށް އެއްވަރު ކުރީ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ އެއް މިނެޓްފަހުން 30 ވަނަ އުފަންދުވަސް އިއްޔެ ފާހަގަ ކުރަމުންދިޔަ ސާޑިއޯ މާނޭއެވެ. މިލަނޑު ޖެހިތާ މާގިނައިރު ތަނެއް ނުވެ ސިޓީގެ ރަހީމް ސްޓަރލިންގ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވިއޭއާރުން ބެލުމަށްފަހު އެލަނޑު ވަނީ އޮފް ސައިޑްކަމަށް ނިންމާފައެވެ. އަދި މެޗް ނިމެން ވަރަށް ގާތްވެފައިވަނިކޮށް ސިޓީގެ ބަދަލު ކުޅުންތެރިޔާ ރިޔާދު މަހްރެއިޒްއަށް ވަނީ މިމެޗް ސިޓީއަށް ކާމިޔާބުކޮށްދިނުމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މި މެޗު އެއްވަރުވެގެން ނިމުނުއިރު، މި ދެ ޓީމް މިސީޒަންގެ ކުރީކޮޅު ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗްވެސް ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މިމެޗް އެއްވަރު ވުމުން ތާވަލްގައި ކޮންމެ ޓީމަކަށް އެއް ޕޮއިންޓް ލިބިގެންދިޔައިރު، ސިޓީ އުޅެނީ 31 މެޗުން ލިބިފައިވާ 74 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި 73 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ދެވަނައިގައެވެ. މިސީޒަންގައި ލީގުގައި ދެން ކޮންމެ ޓީމަކަށް ބާކީ އޮތީ ހަތް މެޗެވެ.