ހަސަން ނަޒީމް ގާސިމް (ޗޯޓު)ގެ ހެޓްރިކާއެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްގެ މައްޗަށް ކުލަބް ގްރީން ސްޓްރީޓްސް އިން ކުރިހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ގްރީން ސްޓްރީޓްސްއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.
ލީގުގެ ފުރަތަމަ ބުރު ގްރީން ސްޓްރީޓްސްއިން ނިންމާލީ މޮޅަކާއެކުގައެވެ. އެ ޓީމުން ފުރަތަމަ ބުރުގައި ކުޅުނު މެޗުތަކުން މޮޅުވެފައިވަނީވެސް ހަމައެކަނި ކުލަބް ވެލެންސިއާ އަތުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު ގްރީން ސްޓްރީޓްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާއެވެ.
މި ލަނޑަށްފަހު ވެސް ގްރީނުން ދަ ގްރާންޑޭގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 23 ވަނަ މިނެޓުގައި ޗޯޓު ވަނީ އިތުރު ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
މި ހާފުގައި ދަ ގްރާންޑޭގެ ސްރީލަންކާ ފޯވާޑް މުޙައްމަދު އާކިބަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި ދަ ގްރާންޑޭއިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ގްރީން ސްޓްރީޓްގެ ކީޕަރު ހަނީފް ސާގިބްއެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ގްރީން ސްޓްރީޓްސްއިން ދަ ގްރާންޑޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލއިރިއު، ގްރީން ސްޓްރީޓްސްގެ ތިންވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޗޯޓުއެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި ޗޯޓު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި ނަތީޖާތަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާއިން އޮތީ ކުޅުނު އަށް މެޗުން ލިބުނު 21 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އީގަލްސްއަށް އަށް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ވެލެންސިއާއަށް އަށް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި ޓީސީ އިން އޮތީ އަށް މެޗުން ލިބުނު 11 ޕޮއިންޓާއެކުގައެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ކާމިޔާބުކޮށް ގްރީން ސްޓްރީޓްސްއިން އޮތީ ލީގު ތާވަލުގެ ހަތް ވަނައިގައެވެ. އެޓީމަށް އަށް މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ގްރާންޑޭ އޮތީ ލީގު ތާވަލުގެ ފުލުގައެވެ. އެޓީމަށް އަށް މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.