ވިޔަފާރި

ތާޒާ ފެން އަތޮޅުތަކަށް ފޯރުކޮށްދިނުމަަށް އެޖެންޓުން ކަނޑައަޅައިފި


ތާޒާ ފެން އަތޮޅުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން އަތޮޅުތަކަށް އެޖެންޓުން އައްޔަނުކޮށްފިއެވެ.ޖުމްލަ 12 އެޖެންޓުން ވަނީ އެކި އަތޮޅުތަކަށް އައްޔަންކޮށްފައެވެ. އަތޮޅުތަކަަށް ކަނޑައެޅި އެޖެންޓުންގެ ޒިންމާއަކީ ކަނޑައެޅިފައިވާ އަތޮޅެއް ނުވަތަ ސަހަރައްދެއްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ތާޒާ ފެން ފޯރުކޮށްދިނުންކަމަށް އައިލެންޑް  ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މަޢުލޫމާތުދެއެވެ.އަތޮޅު އެޖެންޓުނަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޝިފާޤް ވިދާޅުވީ މި އެޖެންޓުންނަށް ތާޒާ ފެން ކަނޑައެޅިފައިވާ ޚާއްސަ އަގުތަކެއްގައި ލިބިގެންދާނެކަމަށެވެ. އަދި ތާޒާފެން މާކެޓްކުރުމާއި ވިޔަފާރިކުރުމަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު އެކުންފުނީގެ ފަރާތުން ފޯރު ކޮށްދޭނެ ކަމަށެވެ.މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ދެެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ފެނުގެ ޚިދުމަތް ދިނުމުގައި ވީހާވެސް އަގުހެޔޮކޮށް ޚިދުމަތް ދިނުމަށް އެދިވަޑައިގެންނެވިއެވެ.އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ ފަރާތުން، ޒުވާނުން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ވަނީ 10 އަތޮޅަކަށް އެޖެންޓުން ކަނޑައަޅާފައެވެ. އެޖެންޓުން ކަނޑައަޅުއްފައިވަނީ ހއ، ށ، ރ، ބ، ޅ، އދ، ލ، ގދ، ޏ، ސ އަތޮޅަށެވެ.