ވިޔަފާރި

މިފްކޯއިން އަބަދުވެސް ކެޕޭސިޓީއަށްވުރެ އިތުރަށް މަސްވެރިންގެއަތުން މަސްގަނޭ


ސަރުކާރުގެ މަސް ކުންފުނީގެ ހައިސިއްޔަތުން ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށް މިފްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދީ ބާނާ މަސް ގަތުމަށް އަބަދުވެސް މިފްކޯއިން މަސައްކަތް ކުރަމުންދެއެވެ. ނަމަވެސް ބައެއް ފަހަރު ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ މަސްވެރިން ބާނާ މަސް ލިމިޓްކޮށް ގަންނަންޖެހޭ ހާލަތްތައް މެދުވެރިވެއެވެ. މިގޮތައް ލިމިޓްކޮށް މަސް ގަތްނަމަވެސް މިފްކޯއިން އަބަދުވެސް އެ ކުންފުނީގެ ކެޕޭސިޓީއަށްވުރެވެސް އިތުރަށް މަސްވެރިންގެ އަތުން މަސް ގަނެއެވެ.

ދެކުނަށް މަސްވެރިކަން ރަނގަޅުވެ، އެއްފަހަރާއި ގިނަ އަދަދެއްގެ ދޯނިތައް މަސް ކިރުވަން އަންނަމުންދާތީ، މިފްކޯގެ ދެކުނުގެ ސެންޓަރުތަކަށް މަސް ކިރާ މިންވަރު ދަދިފަހުން ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ކިއުގައި ހުރި ދޯނިފަހަރުގެ މަސް މެނޭޖްކުރެވެންދެން ދޯންޏަކުން 5 ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯއިން ވަނީ ނިންމާފައެވެ.

މިފްކޯއިން މިގޮތައް ނިންމިނަމަވެސް މިފްކޯއިން މިހާރުވެސް މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ އެހެން ކުންފުނިތަކުން މަސްވެރިންގެ އަތުން ގަންނަމުންދާ ޢަދަދަށްވުރެ އިތުރަށެވެ. ނަމަވެސް ކޮންމެ ދޯންޏަކުން 10 ޓަނާއި 12 ޓަނާ ދެމެދުގެ ޢާދަދަކަށް މަސް ބާނައިގެން އަންނައިރު މިހުރިހައި މަހެއް ގަތުމަށް މިފްކޯއަށްވެސް ދަތިތަކެއް ހުރެދާނެއެވެ. ނަމަވެސް މިފްކޯގެ އަމާޒަކީ މަސްވެރިން ބާނާ މަސް ގަނެ މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމެވެ.

މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ، އެ ކުންފުނީގެ މެކްސިމަމް ކެޕޭސިޓީގައި އަބަދުވެސް މަސްވެރިންގެ އަތުން މަސް ގަންނަނަމުންދާކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް މަސްވެރިންގެ އަތުން 19000 ޓަނުގެ މަސްގަނެ މަސްވެރިންނަށް 300 މިލިއަން ރުފީޔާ ދީފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި 100 ޓަނުގެ ކަނޑުމަސް 8 ގަޑިއިރުގެ ޝިފްޓުގައި ގަނޑުކުރެވޭ އައު ރިފްރިޖަރޭޝަން ކޮމްޕްލެކްސްއެއް ގާއިމް ކުރުމާއި، ލޮނުފެން ގަނޑުކޮށް 80 ޓަނުގެ ކަނޑުމަސް ބެހެއްޓޭނެ ހޯލްޑިން ޓޭންކް ގާއިމް ކުރުމާއި، 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި އައު ޕަވާހައުސް އެއް ގާއިމް ކުރުން ހިމެނެއެވެ.