ކުޅިވަރު

އެސްޓަން ވިލާ އަތުން ޓޮޓެންހަމަށް ފަސޭހަ މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ އެސްޓަން ވިލާ ބަލިކޮށް، ތާވަލްގެ ހަތަރުވަނަ މަގާމުގައި ޓޮޓެންހަމް ހޮޓްސްޕާއިން ފައިހަރު ކުރަން ފަށައިފިއެވެ.

ވިލާގެ ދަނޑުގައި ކުޅުނު މިމެޗް ސްޕަރސް ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

ސްޕަރސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗްގައ އެ ޓީމްގެ ތަރިއަކަށް ވެގެންދިޔައީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. އޭނާ ވަނީ މި މެޗްގައި ސްޕަރސްއަށް ހެޓްރިކެއް ހަދާދީފައެވެ.

އެގޮތުން މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ ތިންވަނަ މިނެޓްގައި ޖަހާ ސްޕަރސްއަށް ލިޑު ނަގާދިނިވެސް ސޮންއެވެ. ނަމަވެސް މި ލަނޑާއެކު ފުރަތަމަ ހާފްގައި ދެން ފެނިގެންދިޔައީ ވިލާއިން ސްޕަރސްގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ. އެގޮތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް ސްޕަރސްގެ ގޯލަށް އަމާޒުކުރި ނަމަވެސް، މި ހުރިހާ ހަމަލާއެއްވެސް ސްޕަރސްގެ ކީޕަރ ހޫގޯ ލޮރިސް އާއި ޑިފެންސްގައި ހިމެނޭ އެހެން ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ.

މި މެޗްގައި ސްޕަރސްއިން ޖެހި ދެވަނަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެޖާން ކުލުސޭވްސްކީއެވެ. އަދި އެ ޓީމްގެ ތިންވަނަ ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ސޮން އެވެ. އަދި އޭގެ ފަސް މިނެޓްފަހުން ސޮން ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުގައި ހެޓްރިކެއް ހަދާފައެވެ.
މި ކާމިޔާބީއާއެކު ސްޕަރސް އަށް މިހާރުވަނީ ކުޅުނު 31 މެޗުން 57 ޕޮއިންޓް ލިބިފައެވެ. އަދި ފަސްވަނައިގާ އުޅޭ އާސެނަލް ރޭ ކުޅުނު މެޗުން ބަލިވުމާކު، އެ ޓީމުން މިހާރު ނުކުޅެ އޮތް މެޗް ކާމިޔާބުކުރި ނަމަވެސް ގޯލްގެ ތަފާތުން ހަތަރުވަނައިގާ އޮންނާނީ ސްޕަރސްއެވެ. މީގެ އިތުރުން މި މެޗުން ބަލިވުމުން އެސްޓަން ވިލާ މިހާރު އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.