ކުޅިވަރު

އެވަޓަން އަތުންވެސް ޔުނައިޓެޑް ބަލިވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް އެޓީމުން މެޗް ކޮންޓްރޯލް ކުރުމާއެކުވެސް މި މެޗްގައި އެވަޓަންގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. އަދި މިއީ މިސީޒަންގައި ދަށް ނަތީޖާތަކެއް ހޯދަމުން ދިއުމުގެ ސަބަބުން ކްލަބްގެ ތާރީހްގައި ފުރަތަމަ ފަހަރަށް ރެލިގޭޓް ވެދާނެކަމުގެ ބިރާއި ކުރިމަތިލާންޖެހިފައިވާ އެވަޓަންއަށް ލިބިގެންދިޔަ ވަރަށް މުހިންމު ކާމިޔާބީއެކެވެ.

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި އެވަޓަންއަށް ކާމިޔާބުކޮށްދިނީ އެންތަނީ ގޯޑަންއެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަދެފައިވަނީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއަރ ގައިގާ ޖެހިފައި، ބޯޅައިގެ މިސްރާބު ބަދަލުވެގެންގޮހެވެ.

މި މެޗްގައި އެވަޓަންގެ ކުޅުންތެރިންގެ ފަރާތުން އެންމެ މޮޅު ކުޅުން ފެނިގެން ނުދިޔަ ނަމަވެސް އެކުޅުންތެރިންވަނީ މިކާމިޔާބީ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އަދި އެވަޓަންގެ ކީޕަރ ޖޯޑަން ޕިކްފަޑް ވަނީ ނުރައްކާތެރި ދެތިން ހަމަލާ ދިފާއުކޮށްފައެވެ.

މި ކާމިޔާބީއާއެކު އެވަޓަން މިހާރު އުޅޭނީ ކުޅުނު 30 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގއެވެ. އަދި 18 ވަނައިގާ އުޅޭ ބަރންލިއަށް 29 މެޗުން ލިބިފައިވަނީ 24 ޕޮއިންޓް ކަމުން، ރެލިގޭޝަންގެ ބިރުވެރިކަން އެވަޓަންއަށް އަދިވެސް އެބައޮތެވެ.

މިމެޗުން ބަލިވުމުން ޔުނައިޓެޑް އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 51 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ. އަދި ހަތަރު ވަނައިގާ މިހާރު އުޅޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބަހުއްޓެވެ.