ކުޅިވަރު

ޕޮލިސް އަތުންވެސް ދަ ގްރާންޑޭއަށް މޮޅެއް


މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުން ޕޮލިސް ކްލަބްގެ މައްޗަށް ދަ ގްރާންޑޭއިން ކުރިހޯދައިފިއެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފު ދަނޑުގައި ކުޅުނު މި މެޗު ދަ ގްރާންޑޭއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ހަތް ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތުގައި ދަ ގްރާންޑޭ އިން ވާދަކުރާއިރު، މިއީ ވެޓެރަންސް ކަޕްގައި އެ ޓީމުން ކުޅޭ ފުރަތަމަ ފަހަރެވެ. ފުރަތަމަ މެޗުން ދަ ގްރާންޑޭ ވަނީ 1-0 އިން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްފައެވެ.

ކުޅުނު ދެ މެޗުން ހަ ޕޮއިންޓާ އެކު ހުޅުމާލެ ވެޓެރަންސް އޮތީ ލީގު ތާވަލުގެ ކުރީގައެވެ. ދަ ގްރާންޑޭ ވެސް ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވާއިރު، ހުޅުމާލެ ވެޓެރަންސްއިން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ ޕޮލިހުންނެވެ. މި ލަނޑު އެޓީމުން ޖެހީ މެޗުގެ 13 ވަނަ މިނެޓުގައި މުހައްމަދު އީސާ އެވެ. އެކަމަކު، ދަ ގްރާންޑޭ އިން ވަނީ ފުރަތަމަ ހާފުގައި ނަތީޖާ އަނބުރާލައިފައެެވެ. ދަ ގްރާންޑޭ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ފުރަތަމަ މެޗުގައި ދަ ގްރާންޑޭގެ ލަނޑު ޖެހި ހަސަން ޝަރީފްއެވެ. އަދި މެޗުގެ 20 ވަނަ މިނިޓުގައި ޝުއައިބް ޒާހިރު ވަނީ ދަ ގްރާންޑޭ އަށް ލީޑުނަގައިދީފައެވެ.

ދެ ވަނަ ހާފްގައި ކުޅުން ފަށައިގެން ޕޮލިހުން ކުރިއަށް ޖެހިގެން ކުޅެވޭތޯ މަސައްކަތްކޮށް ލަނޑެއް ޖެހޭތޯ ބެލިއެވެ. އެކަމަކު، ދަ ގްރާންޑޭގެ ޑިފެންޑަރުން ވަނީ ޕޮލިހަށް އެކަން ކާމިޔާބުވިޔަ ނުދޭން ރަނގަޅު މަސައްކަތެއްކޮށްފައެެވެ. ދަ ގްރާންޑޭ އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖެހީ ޝުއައިބްއެވެ.

ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިވެހި ކުޅިވަރަށް އަބަަދަށްފަހި، ނެސްލޭ ކުންފުނީގެ މައިލޯ އެވެ.

މުބާރާތުގައި އާދީއްތަ ދުވަހުގެ ހަވީރު 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް ސޮކަ މޭޓްސް އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. ސޮކަ މޭޓްސް ވަނީ ފުރަތަަމަ މެޗުން ޕޮލިސް ބަލިކޮށްފަ އެވެ. ގްރީން ސްޓްރީޓްސްގެ ފުރަތަމަ މެޗުގައި ވަނީ ހުޅުމާލެ ވެޓެރަންސް އަތުން ބަލިވެފައެވެ.