ޚަބަރު

ސަޢޫދީގެ ވަފްދު އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފި


ސަޢޫދީއަރަބިއްޔާގައި އިސްލާމީ ޝަރީޢާ ތަންފީޒު ކުރެއްވުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަޖުރިބާ ޙިއްސާ ކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދާ ބައްދަލުކުރައްވައިފިއެވެ.މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އޮތް މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ޝަރުޢީ ދާއިރާގެ ގުޅުން ބަދަހި ކުރެއްވުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ސަޢޫދީއަރަބިއްޔާގެ ޖަސްޓިސް މިނިސްޓްރީގެ ވަފްދު މިއަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާވެސް ބައްދަލުކުރައްވާފައެވެ.އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ ދަޢުވަތަކަށް ރާއްޖެވަޑައިގެންނެވި މި ވަފްދުގެ ރައީސަކީ ސަޢޫދީ ޖަސްޓިސް މިނިސްޓްރީގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝައިޚް ޔޫސުފް ބިން ޢަބްދުލްޢަޒީޒް އަލްފައްރާޖެވެ. އެމަނިކުފާނުގެ އިތުރުން އިތުރު 6 ބޭފުޅަކު އެ ވަފްދުގައި ހިމެނިވަޑައިގަންނަވައެވެ. މި ވަފްދުގެ ދަތުރުގައި ސުޕްރީމްކޯޓުން އަލަށް ޤާއިމުކުރެއްވި ޖުޑީޝަލް އެކަޑަމީ ހުޅުއްވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖުޑީޝަލް އެކަޑަމީ ކުރިއެރުއްވުމުގައި ސަޢޫދީ ޖަސްޓިސް މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވާކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑިމިނިސްޓްރޭޝަނުން މަޢުލޫމާތުދެއްވައެވެ.