ސޫރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ތިން ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު އިޔާދަކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއާ މަޝްވަރާކުރެއްވުމުގެ މަޞްޢޫލިއްޔަތާ ޙަވާލުވެވަޑައިގެންފައިވާ އެ ޤައުމުގެ މާލީ ވަޒީރު ޢަލީ ޞަބްރީ ވިދާޅުވީ އެ ޤައުމަށް ކުރިމަތިވެފައިވަނީ ވަރަށް ބޮޑު ކާރިޘާއަކާއެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ ދަރިނިތައް ޢަދާކުރުމުގެ ކުރިން އެންމެ އިސްކަމެއް ދޭން އެ ޤައުމުގެ ސަރުކާރުން ނިންމާފައިވަނީ ޢާއްމުންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ގެނައުމަށެވެ. އޭނާ ވިދާޅުވީ ޢާއްމުންގެ ބޭނުންވާ ތެލާއި ގޭހާއި ބޭހާއި ކާޑުގެ ބާވަތްތައް ފޯރުކޮށްދެވިއްޖެނަމަ އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ކުރަމުންދާ މުޒާހަރާތަކަށް ހުއްޓުމެއް އަންނާނެއެވެ. އެ ގޮތުން ސުރީ ލަންކާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ އިންޑިޔާއިންވަނީ ތެލާއި ހަނޑޫ ފޮނުވަން ފަށައިފައެވެ.
ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ކުރިން އެ ޤައުމުގެ ޢަދުލުއިންޞާފާބެހޭ ވަޒީރުކަންވެސް ކުރައްވާފައިވާ ޢަލީ ޞަބްރީ ވިދާޅުވީ އެ ޤައުމުން ނަގާފައިވާ ލޯނުތަކަށް ޖުލައި މަހުގެ ތެރޭގައި އެއް ބިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށާއި އެ ޢަދަދު ބަހާލައިގެން ދެއްކޭނެ ގޮތެއް ހޯދަން ޖެހޭކަމަށެވެ. އަދި އެ ޤައުމަށް އޮތް ހަމައެކަނި ގޮތަކީ ބައިނަލްއަޤްވާމީ މާލީ އިދާރާގެ އެހީތެރިކަން ހޯދުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސުރީ ލަންކާގެ މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި އެ ޤައުމުގެ ރިސާވުވަނީ %16 ދަށަށް ގޮސްފައެވެ. އެއާއެކު ރިސާވުގައި ހުރީ 1.93 ބިލިޔަން އެމެރިކާ ޑޮލަރުކަމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުންވަނީ ބުނެފައެވެ.
ބައިނަލްއަޤްވާމީ މާލީ ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި ބޭރުގެ އެކި ފަރާތްތަކަށް ސުރީ ލަންކާއިން ދައްކަންޖެހޭ ފައިސާ ޢަދަދު 12.55 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. އޭގެ ތެރެއިން ހަތް ބިލިޔަން އެމެރިކާ ޑޮލަރު މި އަހަރުގެ ތެރޭގައި ދައްކަން ޖެހެއެވެ.
22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ. އެއާއެކު އެ ޤައުމުން ތެޔޮ ގަތުމަށް ބޭނުންކުރާނެ ބޭރު ފައިސާ ހުސްވެ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގިނަ ވަޤުތުތަކަކަށް ކަރަންޓު ކަނޑަންވަނީ މަޖުބުރުވެފައެވެ. ސުރީ ލަންކާއަށް އިޤްތިޞާދީ ނާޒުކު ޙާލަތުން އަރައިގަތުމަށް އެ ޤައުމުން އެންމެ ބޮޑު އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ. އެ ގޮތުން އެތައް ބިލިޔަން ޑޮލަރެއްގެ ލޯން ދިނުމަށް ސުރީ ލަންކާއިންވަނީ އިންޑިޔާއާއި ޗައިނާގައި އެދިފައެވެ. އެ ގޮތުން އިންޑިޔާއިންވަނީ ފަހުން ފައިސާދައްކާގޮތަށް އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ކާބޯތަކެއްޗާއި ހަނޑުލާއި ތެލާއި ބޭސް ސުރީ ލަންކާއަށް ފޮނުވުމަށް އެއްބަސްވެފައެވެ.