ސިޔާސީ

މަރިޔަމް ނިހާޔަތު އެސިސްޓެންޓް ޕީޖީގެ މަގާމަށް!


ސިވިލްކޯޓްގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރައްވައިފިއެވެ.ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެސިސްޓެންޓް ޕީޖީ ކަމަށް ނިހާޔަތު އައްޔަން ކުރެއްވީ މިއަދު ކަމަށާއި މިއަދުން ފެށިގެން ނިހާޔަތު މަސައްކަތަށް ނިކުންނަވާފައިވާ ކަމަށެވެ. 2009 ވަނަ އަހަރު ސިވިލްކޯޓްގެ ގާޒީކަމަށް އިސްކުރައްވާފައިވާ މަރިޔަމް ނިހާޔަތު ސިވިލްކޯޓުގެ ގާޒީކަމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ. ސިވިލް ކޯޓްގެ ގާޒީކަމުން ނިހާޔަތު އިސްތިއުފާ ދެއްވާފައިވަނީ ޖޭ.އެސް.ސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ވަޒީފާއަށް ނުނިކިމެވޭ ގޮތަށް ވަކި މުއްދަތެއް ނެތި ސަސްޕެންޑް ކޮށްފައިވަނިކޮށެވެ.ގާޒީ ނިހާޔަތު ވަނީ ސިވިލްކޯޓްގައި ހިނގައިދިޔަ މުހިއްމު ގިނަ މައްސަލަތަކެއް ނިންމަވާފައެވެ. އެސިސްޓެންޓް ޕީޖީކަމަށް ނިހާޔަތު އައްޔަން ކުރެއްވި އިރު އެމަޤާމުގައި މިހާރުވެސް 2 ބޭފުޅުން ތިއްބަވައެވެ. އެ ދެބޭފުޅުންނަކީ ޖިހާދާ އަނީސްއާއި ހުސެއިން ނާޝިދުއެވެ.