ކުޅިވަރު

ވުލްވްސް ބަލިކޮށް ނިއުކާސަލުން އުއްމީދު އާކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރިމެޗް ކާމިޔާބުކޮށް މިއަންނަ ސީޒަންގައިވެސް ޕްރިމިއާ ލީގުގައި ދެމިއޮތުމަށް ނިއުކާސްލްއިން ކުރަމުންދާ އުންމިދުތައް އާކޮށްފިއެވެ.

ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ވުލްވްސްއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެތީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި މިމެޗްގައި ނިއުކާސްލްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ މެޗްގެ 72 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ޕެނަލްޓީ ދީފައިވަނީ ނިއުކާސްލްގެ ކްރިސް ވުޑްއަށް ވުލްވްސްގެ ކީޕަރ ޖޮސޭ ސާ ފައުލް ކުރުމާއި ގުޅިގެންނެވެ. މިޕެނަލްޓީ ނިއުކާސްލްއަށް ކާމިޔާބުކޮށްދިނީވެސް ވުޑްއެވެ. މިމެޗްގައި މީގެއިތުރުންވެސް ވުޑްވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އެލަނޑުޖެހުމަށް އުފެއްދި ހަމަލާގައި އެޓީމްގެ ބްރޫނޯ ގިމަރޭސް އޮފް ސައިޑްގައި ހުރިކަމަށް ވީއޭއާރުން ފާހަގަ ކުުރުމާއެކު އެލަނދު ބަލައިގަންފައެއް ނުވެއެވެ.

މިކާމިޔާބީއާއެކު ނިއުކާސްލްއަށް މިހާރުވަނީ ކުޅުނު 31 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއީ ޖެހިޖެހިގެން ތިން މެޗުން ބަލިވުމަސްފަހު އެތީމް މޮޅުވި ފުރަތަމަ މެޗެވެ. މިމެޗުން ބަލިވުމާއެކު ވުލްވްސް އުޅެނީ 32 މެޗުން ލިބިފައިވާ 49 ޕޮއިންޓައެކު ތާވަލްގެ އަސް ވަނައިގައެވެ. އަދި މިއީ މިއަންނަ ސީޒަންގައި ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދުމަށް އެޓީމުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ހީނަރު ކަމެކެވެ.