ކުޅިވަރު

ނޯތު މެސެޑޯނިއާ އަތުން އިންގްލެންޑަށް ފަސޭހަ މޮޅެއް


ފީފާ ވިމެންސް ވޯލްޑް ކަޕްގެ ޔޫރަޕިއަން ކޮލިފައިންގ ގްރޫޕް ޑީގައި އިންގްލަންޑާއި ނޯތު މެސެޑޯނިއާ ބައްދަލުކުރިމެޗް އިންގްލަންޑް ކާމިޔާބުކޮށްފިއެވެ.

ނޯތު މެސެޑޯނިއާގެ ދަނޑުގައި ކުޅުނު މިމެޗް އިންގްލަންޑް ކާމިޔާބުކުރީ ތަފާތު ބޮޑު ކޮށް 10-0 ގެ ނަތީޖާއަކުންނެވެ.

އިންގްލަންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެކުޅުންތެރިންވަނީ ހެޓްރިކް ހަދާފައެވެ. މިމެޗްގައި އިންގަލަންޑްގެ ފުރަތަމަ ލަނޑު މެޗްގެ 5 ވަނަ މިނެޓްގައި ޖަހާދިނީ ބެތު މީޑްއެވެ. މިމެޗްގައި މީޑްވަނީ މީގެއިތުރުން ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މިޑް އޭނާގެ އަނެއް ތިންލަނޑު ކާމިޔާބުކޮށްފައިވަނީ މެޗްގެ 12 ވަނަ މިނެޓާއި 47 ވަނަ މިނެޓާ އަދި 53 ވަނަ މިނެޓްގައެވެ. މިމެޗްގައި އިނއގްލަންޑުން ކާޟިޔާބު ކުރި އަނެއް ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާ އެލާ ޓޫންވެސްވަނީ ހެޓްރިކެއް ހަދާފައެވެ. ޓޫން އޭނާގެ ލަނޑުތައް ޖަހާފައިވަނީ މެޗްގެ 24 ވަނަ މިނެޓާއި 74 ވަނަ މިނެޓާއި އަދި 78ވަނަ މިނެޓްގައެވެ. މިމެޗްގައި އިންގްލަންޑްގެ ފަހު ތިންލަޏޑު ޖަހާދީފައިވަނީ އެލެން ވައިޓް އާއި ޖޯޖިއާ ސްޓާންވޭއެވެ. މިމެޗްގައި ވައިޓް ކާމިޔާބު ކުރި ލަނޑައެކު އޭނާ ވެފައިވަނީ އިންގްލަންޑްގެ ތާރީހްގައި އަންހެން އަދި ފިރިހެން ޓީމަށް ބަލާއިރު ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. ވައިޓްގެ ލަނޑު ވެގެން ގޮސްފައިވަނީ އޭނާ އިންގްލަންޑަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނދަށެވެ. އޭނާއަށް ވުރެ އިތުރަށް ލަނޑު ޖަހާފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ވޭން ރޫނީއެވެ. ރޫނީ ވަނީ އިންގްލަންޑަށް 53 ލަނޑު ޖަހާދީފައެވެ. އެހެންކަމުން ކުރިއަށް ހުރި މެޗްތަކުގައި ރޫނީގެ ރިކޯޑްވެސް މުގުރާލުމުގެ ފުރުސަތު ވައިޓްއަށް އެބައޮތެވެ.

މިކާމިޔާބީއާއެކު އިންގްލަންޑް މިހާރުވަނީ ކުޅުނު ހަތްމެޗުންވެސް މޮޅުވެ 21 ޕޮއިންޓާއެކު ގްރޫޕް ޑީގެ ތާވަލްގެ އެއްވަނައިގައެވެ. އަދި މިހަތް މެޗްގައި 63 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް އައި ލަނދެއް ވަދެފައެއް ނުވެއެވެ. އަދި ނޯތު މެސެޑޯނިއާ އުޅެނީ ހަތް މެޗުން ލިބިފައިވާ 3 ޕޮއިންޓައެކު ހަ ޓީމް ހިމެނޭ ގްރޫޕް ޑީގެ ފަސް ވަނައިގައެވެ