ޚަބަރު

ހޫގޯ ސްވަޔަރ ރާއްޖެ ވަޑައިގެންފި


އިގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ ސްޓޭޓް މިނިސްޓަރ ހޫގޯ ސްވަޔަރ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނައިފިއެވެ. އެމަނިކުފާނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުޚަބާ ދެންނެވީ ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ފޮރިން ސެކެޓްރީ ޑރ. އަލީ ނަސީރުއެވެ. މިއަދުގެ ވަގުތެއްގައި މިނިސްޓަރ ސްވަޔަރ ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއްވާފައިވެއެވެ. ސްވަޔަރގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަރިހަށް މިއަދު ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ޚާރިޖިއްޔާ އިން ހާމަކުރައްވާފައިވެއެވެ. މިނިސްޓަރ ސްވަޔަރގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.