ޚަބަރު

ޒިޔާދުގެ މައްސަލައިގެ އިސްތިއުނާފު މާދަމާ ފަށަނީ


ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލްކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް މާދަމާ ހައިކޯޓްގައި ފަށަން ތާވަލުކޮށްފިއެވެ.

ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ދަށުކޯޓުން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެތެރޭގައެވެ. ޒިޔާދުގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހިންގާފައިވާކަމުގެ ތުހުމަތުގައެވެ. އެ ދަޢުވާގައި ވަނީ އެސް ޖޭ ކޮންސްޓްރަކްޝަނާއި އެ މަސައްކަތް ހަވާލުކުރަން އެއްބަސްވުން އެކުލަވާލާފައިވަނީ އެ ކުންފުނިން ހުށައެޅި ޕްރޮޕޯސަލާއި ހިލާފަށް ދައުލަތަށް ގެއްލުންވާގޮތަށްކަމަށެވެ.

މި މައްސަލާގައި ޑރ ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ކުރިން ހުންނެވި ހުރި އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ދަޢުވާކުރިއެވެ. އެނާގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް ދަށުކޯޓުން ވަނީ ނިންމާފައެވެ. އަދި އެ މައްސަލަވެސް ޕީޖީ އޮފީހުންވަނީ އިސްތިއުނާފުކޮށްފައެވެ.

މި މައްސަލަ ނިންމާ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވަނީ ޒިކުރާ މިސްކިތް ހެދުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާއި އެކު ހެދި އެއްބަސްވުމުގައި ޒިޔާދު ސޮއިކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެންކަން ހެކިންގެ ހެކިބަހުން ސާބިތުވާކަމަށެވެ. އެހެންކަމުން އެއްބަސްވުމުގައި ކުށެއް އޮއްވާ އެ އެއްބަސްވުމުގައި ސޮއިކުރުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުންކަމަށް ނުބެލެވޭނެކަމަށްވެސް ދަށު ކޯޓްގެ ހުކުމުގައިވެއެވެ. އަދި އެއްވެސް މުވައްޒަފެއްގެ ލޮލުގައި އަޅައި ނުގަތް ކުށް ޒިޔާދުގެ ލޮލުގައި އަޅައި ގަންނާނެކަމަށް ހަމަ ބުއްދިއަށް ގަބޫލުނުކުރެވޭނެކަމަށްވެސް އެ ހުކުމުގައިވެއެވެ.

ޒިކުރާ މިސްކިތް މައްސަލާގައި އެސްޖޭއިންވެސް ވަނީ ދައުލަތާއި ދެކޮޅަށް ދައުވާކޮށްފައެވެ. އެ ކުންފުނީގެ ދައުވާގައި ބުނެފައިވަނީ ޒިކުރާ މިސްކިތް އެޅުމަށް އެކުލަވާލި އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށެވެ. އެހެންކަމުން އެސްޖޭއިން ދައުލަތާއި ދެކޮޅަށް ދައުވާކުރަނީ ބަދަލު ހޯދުމަށެވެ.

ޒިޔާދު މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ޒިކުރާ މިސްކިތުގައި "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓަރަކްޝަނާއި ހަވާލުކުރީ 2018 ވަނަ އަހަރުއެވެ. ކޮންޓްރެކްޓް ފައިނޭންސް އުސޫލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ 130 މިލިއަން ރުފިޔާއަށެވެ. އަދި އިކުއިޓީގެ ގޮތުގައި 30 މިލިއަން ސަރުކާރުން ދިނުމަށްވެސް ވަނީ ނިންމާފައެވެ.