ވިޔަފާރި

މިއަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަަށް 300 މިލިއަން ރުފިޔާ


މިއަހަރުގެ މިހާތަނަށް މަސްވެރިންގެ އަތުން 19000 ޓަނުގެ މަސް ގަނެފައިވާކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިފްކޯއިން މަސައްކަތްކުރަމުންދަނީ މަސްވެެެެރިންގެ އަތުން ވީހާވެސް ގިނައިން އަބަދުވެސް މަސް ގަތުމަށްކަމަށެވެ.

ދެކުނަށް މަސްވެރިކަން ރަނގަޅުވެ، އެއްފަހަރާއި ގިނަ އަދަދެއްގެ ދޯނިތައް މަސް ކިރުވަން އަންނަމުންދާތީ، މިފްކޯގެ ދެކުނުގެ ސެންޓަރުތަކަށް މަސް ކިރާ މިންވަރު ދަދިފަހުން ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ކިއުގައި ހުރި ދޯނިފަހަރުގެ މަސް މެނޭޖްކުރެވެންދެން ދޯންޏަކުން 5 ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯއިން ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، އެ ކުންފުނީގެ މެކްސިމަމް ކެޕޭސިޓީގައި އަބަދުވެސް މަސްވެރިންގެ އަތުން މަސް ގަންނަނަމުންދާކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް މަސްވެރިންގެ އަތުން 19000 ޓަނުގެ މަސްގަނެ މަސްވެރިންނަށް 300 މިލިއަން ރުފީޔާ ދީފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ.

"އާންމުކޮށް އޭޕްރީލްމަހު މިދިޔަ އަހަރުގަވެސް ވަރަށް ރަނގަޅަށް މަސްވެރިކަން ހުރީ. މިއަހަރުގެ މިހިސާބަށް އާދެވުނު އިރުގައި ގާތްގަނޑަކަށް 19000 ވަރަކަށް ޓަނު އަޅުގަނޑުމެންނަށް ގަނެވިއްޖެ. އަދި މަސްވެރިންނަށް 300 ވަރަކަށް މިލިއަން ރުފިޔާ ފައިސާގެ ގޮތުގައި ދެވިއްޖެ. އެހެންވީމަ މިދިޔަ އަހަރުގެ އޭޕްރީލް މަހާއި ހަމައަށް ބަލާކަމަށްވަންޏާ ހަމަ ގާތްގަނޑަކަށް އަޅުގަނޑުމެންނަށް އެއްވަރަކަށް އެބަ ހިފެހެއްޓޭ" އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯއިން ހަމަކޮށްފައިވާ ގޮތުގައި މިމަހުގެ 4 ވަނަ ދުވަހުގައި 770 ޓަނު މަސް އަދި 5 ވަނަ ދުވަހު 620 ޓަނު މަސް ކިރުވުމަށް ސެންޓަރުތަކަށް އައިސްފައިވާ ކަމަށެވެ. އަދި އެވްރެޖްކޮށް ދޯންޏަކުން 12 ޓަނުގެ މަސް ބާނަމުން ދާއިރު ބޮޑެތި ދޯނިފަހަރުތަކުން 25 ޓަނާއި 60 ޓަނާއި ދޭތެރޭގެ ޢަދަދުތަކުން މަސްބާނާފައިހުރިކަމަށް މިފްކޯއިން ހާމަކުރެއެވެ.

އިސްމާއިލް ވިދާޅުވީ، ދެކުނުގެ މަސް ގަންނަ ފްލީޓާއި ގުޅުމަށް ދުވާލަކު 100 ޓަނުގެ މަސްގަނެވޭ، ޖަޒީރާ 102 ދެކުނުން ގަނެގެންދިޔަ މަސް ފެލިވަރަށް ހުސްކުރުމަށްފަހު ފުރައިގެން މިމަހުގެ 7 ވަނަ ދުވަހަށް ކޫއްޑޫ ބަނދަރަށް ދެވޭނެ ކަމަށެވެ. އެއިރުން ކިޔޫގައި ހުރި ދޯނިފަހަރު ކްލިއަރކުރުމަށްފަހު ކޮންޓްރޯލް ދޫކޮށްލެވޭނެކަމަށެވެ.

"އަޅުގަނޑުމެން ފަހުން މިގެނައި "ޖަޒީރާ 101" ބްރައިން ޕްރީޒިން ވެސަލް ފެލިވަރަށް މަސް ހިފައިގެން ގޮސް ހުސްކޮށްފައި އެނބުރި އައިސް 120 ވަރަކަށް ފްރީޒިން ކެޕޭސިޓީ ލިބޭނެ. އެހެންވީމަ މަސްވެރިންނަށް އަނެއްކާވެސް އިތުރު 100 ޓަނުގެ ޖާގަ ފްރީޒިން ކެޕޭޗިޓީއަށް ލިބޭނެ. އެހެންވީމަ އަޅުގަނޑު އުންމީދު ކުރަނީ މިހާރު ކިޔޫގައި ހުރި ހުރިހައި ދޯނިފަހަރުގެ ކިޔޫ އަޅުގަނޑުމެންނަށް ކްލިއަރކޮށްފައި އަނެއްކާ އަޅުގަނޑުމެންނަށް ކިޔޫ މަސްވެރިކަމަށް ބަލާފައި ކޮންޓްރޯލް ދޫކޮށްލަން އަޅުގަނޑުމެން މި ވިސްނަނީ" އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯއިން އެންމެ ގިނައިން މަސް ގަންނަނީ ކޫއްޑޫ ފިޝަރީޒް ކޮންޕްލެކްސްއަށެވެ. އެއަށްފަހު ދެން އެންމެ ގިނައިން މަސް ގަންނަނީ އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއަށްކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މަސްވެރިންނަށް ފަހި ގޮތްތައް ހަމަޖެއްސުމަށްޓަކައި މިފްކޯއިން ދަނީ މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް، އިތުރު އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިފްކޯއިން އަތޮޅުތެރޭގައި މިހާރު ހިންގަމުންދާ 20 އައިސްޕްލާންޓުން 825 ޓަނުގެ އައިސް ދުވާލަކަށް އުފެއްދުމުގެ ޤާބިލްކަން ހުރިއިރު، މިފްކޯގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތައްވެސް ދަނީ ހިންގަމުންނެވެ.