ކުޅިވަރު

އެމްއޭސީއެލް އާއި ސަންކުއިކަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި ހުކުރު ދުވަހު ކުޅުނު މެޗުތަކުން އެމްއޭސީއެލް އަދި ސަންކުއިކް ކާމިޔާބުކޮށްފިއެވެ.

ހުކުރު ދުވަހު ކުޅުނު ފުރަތަމަ މެޗު ލަވާލިޔާއާއި ބައްދަލުކޮށް އެމްއޭސީއެލް ކާމިޔާބުކުރީ 112 ލަނޑުންއެވެ. އެމްއޭސީއެލުން 8 އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 175 ލަނޑު ހަދާފައިވެއެވެ. އެމްއޭސީއެލުން އެންމެ ރަނަގަޅަށް ކުޅެފައިވަނީ 32 ލަނޑު ހެދި އަހުމަދު އަމީލް އާއި 36 ލަނޑު ހެދި އާދަމް ނާސިފްއެވެ. ޖަވާބުގައި ލަވާލިޔާ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 63 ލަނޑުއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 24 ލަނޑު ހެދި އިސްމާއިލް ނާއިސް އާއި 16 ލަނޑު ހެދި އަސްއަދު އަބްދުލް ޣަނީ އެވެ.

ހުކުރު ދުވަހު ކުޅުނު ދެވަނަ މެޗު ސުގާކޯނާއި ބައްދަލުކޮށް ސަންކުއިކް ކާމިޔާބުކުރީ 7 ވިކެޓުންއެވެ. ސުގާރކޯނުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 105 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 27 ލަނޑު ހެދި މުހަންމަދު އާމިރު އާއި 22 ލަނޑު ހެދި އަލީ އިބްރާހިމްއެވެ. ޖަވާބުގައި ސަންކުއިކް ކުޅެންއަރާ އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 106 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައިވެއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި ހަސަން ހާޒިގު އާއި 36 ލަނޑު ހެދި ޔޫސުފް އަޒިޔާންއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލުގެ މެޗުތައް ހޮނިހިރު ދުވަހުވެސް ކުޅޭނެއެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޭއާރްސީ އާއި މެރީކޯނާއެވެ. އަދި ހޮނިހިރު ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގަލޮޅު ކަންމަތި ބަނަފްސާ އާއި ދިވެހި ސިފައިންގެ ކުލަބެވެ.