ކުޅިވަރު

ފަހު ވަގުތު ވެލެންސިއާއިން ޓީސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބޯހަސް މާޓިން ފަހު ވަގުތު ކާމިޔާބުކޮށްދިން ލަނޑުން ޓީސީ ސްޕޯޓްސް ކުލަބް އަތްދަށުނުވެ ވެލެންސިއާއިން ސަލާމަތްވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ހަތަރު ވަނަ މިނެޓުގައި ޓީސީގެ ޒަޔާން ނަސީރު (ޒައްޔު)އަށް ވަނީ ލަނޑު ޖަހަން ހުސްފުރުސަތެއް ލިބި ބޭކާރުވެފައެވެ. މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެލެންސިއާގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އެވެ. އޭގެ ފަހުން މެޗުގެ 12 ވަނަ މިނެޓުގައި ޓީސީގެ އަޙްނަފް މުޙައްމަދު ތަސްނީމް (ނަފްކޮ)އަށް ވެސް ވަނީ ލަނޑު ޖަހަން ހުސްފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒައްޔުއެވެ.

މި ލަނޑާއެކު ވެލެންސިއާއިން ވަނީ ކުޅުން ރަނގަޅުކޮށް ޓީސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހަސް މާޓިން ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ޓީސީގެ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ވެލެންސިއާގެ ތަޖުރިބާކާރު މިޑްފިލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ފޮނުވާލުމުންވެސް އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ޓީސީއަށް މައްސަލަތަކާއި ދިމާވީ މެޗުގެ 54 ވަނަ މިނެޓުގައި އެ ޓީމުގެ އަބްދުލް ވާހިދު އިބްރާހީމް (ވާޑު) އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. ވާޑުއަށް ކާޑު ދެއްކީ ވެލެންސިއާގެ ފޯވާޑް އަބްދުﷲ ޔާމީން (ޔާނު) އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

އޭގެ ފަހުން ވެލެންސިއާގެ ބޯހަސްއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއްލިބި ބޭކާރުވެފައެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ވެލެންސިއާގެ ހަސަން ޝިފާން އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާވެސް އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރުވަގުތު ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޔާނުގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބޯހަސްއެވެ.

މި ނަތީޖާތަކާއެކު ލީގުގައި އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް އަށް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސްގެ އޮތީ އަށް މެޗުން 19 ޕޮއިންޓެވެ. ވެލެންސިއާ ތިން ވަނައިގައި އޮތީ އަށް މެޗުން 13 ޕޮއިންޓާ އެކުއެވެ. ޓީސީ ހަތަރެއްގައި އޮތީ އަށް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.