ކުޅިވަރު

ބޯޑޯގްލިމްޓްއިން ރޯމާ ބަލިކޮށްފި


ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި ބޯޑޯގްލިމްޓް އާއި އޭއެސް ރޯމާ ބައްދަލުކުރި މެޗް ބޯޑޯގްލިމްޓްއިން ކާމިޔާބުކޮށްފިއެވެ. މިއީ މިސީޒަންގެ ކޮންފަރެންސް ލިގުގައި އެ ޓީމުން ރޯމާ ބަލިކުރި ދެވަނަ ފަހަރެވެ.

ގްރޫޕް މަރްހަލާފައި ބޯޑޯގްލިމްޓްގެ ދަނޑުގައި މި ދެ ޓީމް ކުޅުނު މެޗުން ރޯމާ ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. އަދި ރޭ ކުޅުނު ކްއާޓަރ ފައިނަލް ފުރަތަމަ ލެގްގެ މެޗު، އަމިއްލަ ދަނޑުގައި ބޯޑޯގްލިމްޓްއިން ކާމިޔާބުކުރީ ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗަގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބޯޑޯގްލިމްޓްއެވެ. އެކަމަކު މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ރޯމާއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޮރެންޒޯ ޕެލެގްރީނީއެވެ.

މި ލަނޑައެކު މިމެޗުން ރޯމާ ކާމިޔާބީ ހޯދަފާނެކަމަށް ބެލެވުނު ނަމަވެސް، ބޯޑޯގްލިމްޓްއިންވަނީ މެޗްގެ 56 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްރިކް އަލްތްނޭސްއެވެ. އަދި މި މެޗުން ބޯޑޯގްލިމްޓް މޮޅުވި ލަނޑު މެޗް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖަހާދިނީ ހޫގޯ ވެޓްލެސެންއެވެ.

މި ކާމިޔާބީއާއެކު ބޯޑޯގްލިމްޓްއަށް މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދުމަށް ކުރަމުންދާ އުންމިދު މިހާރުވަނީ އާވެފައެވެ. އެގޮތުން އަންނަ ހަފްތާގައި ކުޅޭ ދެވަނަ ލެގް މެޗް އެއްވަރު ވެއްޖެނަމަ ސެމިފައިނަލަށް ދާނީ ބޯޑޯގްލިމްޓްއެވެ. ރޯމާއިން ސެމީފައިނަލުން ޖާގަހޯދާނަމަ 2 ލަނޑުގެ ތަފާތަކުން އެ މެޗް ކާމިޔާބުކުރުން މުހިންމެވެ.